ޚަބަރު

ދެވަނަ ބުރުގެ ވޯޓާސް ލިސްޓް ޢާންމުކޮށް، މާދަމާ ޝަކުވާއަށް ހުޅުވާލާނެ


  • ފޯމުތަކުގެ ސައްޙަކަން ކަށަވަރުމުގެ މަސައްކަތް ކުރަމުންދަނީ

  • މާދަމާ އާއި ހޮނިހިރު ދުވަހު ޝަކުވާއަށް ހުޅުވާލާނެ

  • ފައިނަލް ލިސްޓް 24 ވަނަ ދުވަހު އާއްމުކުރާނެ

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ނިންމާ، ދެވަނަ ބުރުގެ ވޯޓާސް ލިސްޓު މާދަމާ ޝަކުވާއަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކޮށް، ޑަބަލް ޗެކް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މާދަމާ އާއި ހޮނިހިރު ދުވަހު ޝަކުވާއަށް ހުޅުވާލުމަށްފަހު، ފައިނަލް ލިސްޓް 24 ވަނަ ދުވަހު އާއްމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން 26ވަނަ ދުވަހު ސޮއިކުރާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލީ މިމަހުގެ 15 އިން 17 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 47714 މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ހުށައެޅިއެވެ. އޭގެތެރެއިން އޮންލައިންކޮށް ރަޖިސްޓްރީކުރުމަށް 26011 މީހުން ހުށަހަޅާފައިވެއެވެ. އަދި ކަރުދާސް ފޯމުގެ ގޮތުގައި، އީސީގެ ކައުންޓަރުތަކަށް 21703 ފަރާތަކުން ވަނީ ހުށަހަޅާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282803 ފަރާތަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަރސް ލިސްޓަށްވުރެ، އިތުރު 408 ފަރާތަކަށް ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހުއެވެ.