ޚަބަރު

އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށެއްގައި "ދޮރުން ދޮރަށް"


  • މާލޭއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތް ކުރިއަށްދިޔަ

  • ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގެންނެވި

  • ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯއްދެވުމަށް ގިނަ ހަރަކާތްތަކެއް އެމްޑީޕީން ދަނީ ކުރިއަށްގެންދަމުން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި "ދޮރުން ދޮރަށް" ހިނގުމުގެ ހަރަކާތެއް އެމްޑީޕީން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމަށް ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

"ދޮރުން ދޮރަށް" ނުވަތަ "ޑޯޓުޑޯ"އަކީ އެމްޑީޕީން ރާއްޖެއަށް ތައާރަފްކުރި ކެމްޕެއިން ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ރައްޔިތުން ކައިރިއަށް ޒިޔާރަތްކޮށް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުއްފިލުވުމެވެ. އަދި އެ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަން ހައްލުކުރެއްވުމަށް ޕާޓީގެ މެނިފެސްޓޯގައި ވައުދުތައް ހިމަނައިގެން، އެ ކަންކަމަށް ހައްލު ހޯއްދެވުމަކީ މި ހަރަކާތުގެ އެންމެ މުހިއްމު ބޭނުންކަމަށް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތް މާލޭގައި ކުރިއަށްދިޔައިރު، އެ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. އަދި ޕާޓީގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އެކި ޓީމުތަކުން މި ހަރަކާތުގައި ބައިވެރިވިކަމަށް އެމްޑީޕީން ބުނެއެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ވަނީ، އެ ޓީމުތައް ހަރަކާތްތެެެރިވި ސަރަހައްދުތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ގޭގެއަށް ޒިޔާރަތްކޮށްފައެވެ. އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ހުރި ގޮތް ބެލުމަށްފަހު، ރިޔާސީ މެނިފެސްޓޯއާއި ވައުދުތަކުގެ ތެރެއިން އެކަންކަމަށް ހައްލުތައް ގެނެވޭނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އިތުރުންވެސް އެމްޑީޕީން ދަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ޙޯދުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް. ރައީސް ސާލިހް މި ހަފްތާގައި ބައެއް ރަށްރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ރައީސް ސާލިހާއި ވާދަކުރައްވާނީ އިިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.