ޚަބަރު

ބޭރު ސިފައިން ތިބިތޯ ބައްލަވާ، ޝައްކު އުފެދޭ ކޮންމެ ތަނެއް ދައްކަން ތައްޔާރު: ރައީސް


  • ބިން މިލުކުރެވޭގޮތަށް ހެދީ ކުރީ ސަރުކާރުންކަމަށް

  • އެންމެ އިންޗިއެއްވެސް، އެންމެ ފަސްކޮޅެއްވެސް ބޭރު ބަޔަކަށް ނުދޭނެކަމަށް

  • ޝައްކުވާނަމަ، އެތަންތަން ދައްކަން ތައްޔާރަށް ހުންނެވިކަމަށް

ބޭރު ބައެއްގެ ބާރު ހިނގާ އެއްވެސް ތަނެއް ރާއްޖެއަކު ނޯންނާނެކަމުގެ ޔަޤީންކަން ދެއްވަމުން، ސިފައިން ތިބިކަމަށް ތުހުމަތުކުރާ ހުރިހާ ސަރަހައްދެއް ދައްކަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން އަބަދުވެސް ދައްކަމުންދާ ވާހަކައަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ ވާހަކައާއި، ބޭރުގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ކުރާ ތުޙުމަތުގެ ވާހަކަކަމަށެވެ. ނަމަވެސް އެއީ މުޅިން އޮޅުވާލައިގެން ދައްކާ ދޮގު ވާހަކަތަކެއްކަމަށް ރައްޔިތުންނަށް ޔަގީންވާނެކަމަށެވެ.

ރައީސް ވިދާޅުވީ މި ރާއްޖެއިން އެންމެ އިންޗިއެއްވެސް އަދި އެންމެ ފަސްކޮޅެއްވެސް ބޭރު ބައެއްގެ އަތްދަށުގައި އޮންނަން ފުރުޞަތު ނުދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ބޭރުގެ މީހުންނަށް ރާއްޖެއިން ބިން ލިބޭގޮތަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން ދަންވަރު މަޖިލިސް ހުޅުވައިގެން ކުރި އެމަސައްކަތަށް، އޭރުވެސް އެމަނިކުފާނު ދެކޮޅު ހެއްދެވިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން އެންމެފުރަތަމަވެސް ކުރެއްވި މަސައްކަތަކީ، ބޭރުގެ މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް އޮތް ޤާނޫނީ މާއްދާ އުވާލުންކަމަށެވެ.

މިއަދު ރާއްޖެއިން އެންމެ ބިންކޮޅެއްވެސް، އަދި ފަސްކޮޅެއްވެސް ބޭރުގެ ބަޔަކަށް މިލްކުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ރާއްޖޭގައި އެއްވެސް ތަނެއްގައި މިލިޓަރީ ބޭނުމުގައި ބޭރުގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިނާ ގުޅިވަޑައިގެންނެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވެސް އެ ޔަގީންކަން އަރުވާކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން ޖެހޭނަމަ، އެކަންވެސް ކުރަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

"އަލަށް ގުޅުނު މެންބަރުންނަށްވެސް މިކަން ކަށަވަރުވާނެ އަޅުގަނޑުމެންނާ އެކީ މަސައްކަތް ފެށީމައި. އެކަން ޔަގީންކޮށްދޭނަން، އެ ހުރިހާ ތަނެއް ދައްކަން މިތިބީ. އެ ޝައްކު އުފައްދާ އުތުރު ތިލަފަޅު، ކައްދޫ، ހަނިމާދޫވިއަސް ބަލަންވީ. އެ ބޭނުމަކު މި ރާއްޖޭގައި ބަޔަކު ނުތިބޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ރާއްޖޭގެ ކަންކަމަށް ބަސް ކިޔާނެ އިތުރު ބަޔަކު ނުތިބޭނެކަމަށެވެ. ދިވެހިންގެ ޚާރިޖީ ސިޔާސަތުގައިވެސް އެންމެ އިސްކަމެއް ދެނީ ޤައުމީ ސިޔާސަތުތަކަށްކަމަށާއި، އަދި ކުރިއަށްދާނީވެސް، ޤައުމަށް އެންމެ ފައިދާހުރި ސިޔާސަތުތައް ޤަބޫލުކުރާ، އެ ސިޔާދަތުތައް ތަމަހައްޓާ ޤައުމުތަކާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރީ ސަރުކާރުން ގުޅުން ކަނޑާލި އަރަބި އިސްލާމީ ޤައިމުތަކާއި، މެދުއިރުމަތީގެ ޤައުމުތަކާއި އަދި ގަލްފުގެ ޤައުމުތަކާއެކުވެސް މިހާރު ގާތް ގުޅުމެއް އުފެއްދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.