ޚަބަރު

ނެދަލޭންޑްސްގައި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ޢަމަލު ސަރުކާރުން ކުށްވެރިކޮށްފި


  • މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރުވަނީ ޤުރުއާން ވީދާފައި

  • އޭނާ އެ ޢަމަލުހިންގީ ދަ ހޭގްގައި ހުރި އިސްލާމީ އެމްބަސީތައް ކުރިމަތީގައި

  • ރާއްޖެއިން ވަނީ އެކަން ހަރުކަށިކޮށް ކުށްވެރިކޮށްފައި

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ޤައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނެދަލޭންޑްސްގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ހިންގަމުން ގެންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެކެވެ. އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ތުރުކީއާއި ޕާކިސްތާނާއި ޑެންމާކް އެމްބަސީގެ ކުރިމަތީގަ ޤުރުއާނަށް އިހާނެތިކޮށް ހިތާފައެވެ.

މިކަން ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ދަ ހޭގްގައި ހުރި އިސްލާމީ އެތައް އެމްބަސީއެއްގެ ކުރިމަތީގައި ޤުރުއާނުގެ ހުރުމަތްކަނޑާ، ކޮޕީތައް ވީދި ވީދުން ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރުކުރާކަމަށެވެ. އަދި އާއްމު ތަންތަނުގައި ތަކުރާރުކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ ޢަމަލުތަކެއްކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

މި ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ތަންތަނުގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ވިދާޅުވިއެވެ.