ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ދޭން ފަށައިފިއެވެ.
މިކަމަށްޓަކާ އެ ސިޓީގައި ބޭއްވި ޙަފްލާއެއްގައި ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކުޅުދުއްފުށި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ 2 ބަސް ބޭނުންކުރާނެކަމަށެވެ. މިއީ މާލޭ ސިޓީގައިވެސް ބޭނުންކުރާފަދަ 22 މީހުންގެ ޖާގައިގެ 2 މިނީ ބަހެވެ.
ބަހުގެ ޚިދުމަތް ފެށުމާއެކު ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް އަޖުމަ ބެލުމުގެ ދަތުރުތައް އެ ސިޓީގައި ކުރާނެއެވެ. އަދި މި ދަތުރުތަކުގައި އާއްމުންގެ އަތުން އެއްވެސް އަގެއް ނުނަގާނެއެވެ.
މިކަމުގެ ސަބަބުން އާއްމުންނަށް ބަހުގެ ޚިދުމަތަށާއި، ދަތުރުކުރާ ރޫޓުތަކަށް ހޭނުމަށް ފުރުޞަތު ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޚިޔާލަށް ބަލާ ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ކުޅުދުއްފުށީގައި ބަހުގެ ޚިދުމަތް ފެށިގެންދިއުން ވެގެންދާނީ ސްކޫލް ކުދިންނާއި އާއްމު ފަރާތްތަކަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި އެމް.ޓީ.ސީ.ސީއިން ދެކެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ކުޅުދުއްފުށީގައި ފަށާފައިވާއިރު، މިމަހުގެ ތެރޭގައި ހއ. ދިއްދޫގައިވެސް އެމް.ޓީ.ސީ.ސީއިން ވަނީ މި ޚިދުމަތް ރަސްމީކޮށް ފަށާފައެވެ.