ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުމަށް ވީހާވެސް ގިނަ ބަޔަކު ނެރުމަށް ބާރުއަޅުއްވައިދެއްވުމަށް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ކިބައިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ވޯޓްލާން ބާރުއަޅުއްވައިދެއްވުމަށް ރައީސް ސާލިހު އެދިވަޑައިގެންނެވީ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ރައީސް ސާލިހަށް ތާއީދުކުރާ ފަންނާނުތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސް ސާލިހަށް ތާއިދުކުރާ ގިނަ ފަންނާނުތަކެއް ބައިވެރިވިކަމަށާއި އޭގެތެރޭގައި ފިލްމީ ދާއިރާއާއި މިޔުޒިކީ ދާއިރާގައި ހަރަކާތެރިވާ ގިނަ ފަންނާނުންތަކަކާއި ފޮޓޯގްރާފަރުންނާއި, އެހެނިހެން ޓެކްނިކަލް މީހުން ހިމެނޭގޮތަށް ފުންނާބު އުސް ފަރާތްތަކެއް ހިމެނޭކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އެ ފަންނާނުންނާއެކު ރައީސް ސާލިހު ބޭއްވި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ގިނަ ބަޔަކު ނެރެދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށެވެ. އަދި ރައީސް ސާލިހުގެ އެދިވަޑައިގަތުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންގޮސް، އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ފަންނާނުން ދެއްވިކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީއާއި މި ސަރުކާރުން ފާހަގަކުރާ ގޮތުގައި ރައީސް ސާލިހުގެ ރިޔާސީ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި, ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިން ދައުރުކަން ފާހަގަކުރެއެވެ. އެގޮތުން އިންފްެެރާސްޓްރަކްޗަރގެ މަސައްކަތުގެ އިތުރުން ފަންނުވެރިންގެ ކުރިއެރުމަށް ފަހިކޮށްދެއްވި ފުރުޞަތުތަކުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ ބައިނަލްޤްވާމީ ހަރަކާތުން 400 އަށްވުރެ ގިނަ ފުރުޞަތު ފަހިކޮށްދެއްވުނުކަމަށް ސަރުކާރުން ބުނެއެވެ.
ފަންނާނުންގެ ކުރިއެރުމަށް, ފަންނުވެރިންގެ ދާއިރާއަށް ޚާއްޞަކޮށް ކުރިއަށް އޮތް ދައުރަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ފަންނާނުގެ އަޑު އަހައިގެން މުހިއްމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައެވެ.
އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ އިންޓަރނޭޝަނަލް ޕްރޮމަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ޤާނޫނެއް ވުޖޫދުކުރުމެވެ. އަދި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތްކުރާނެ މާހައުލުތައް ޤާއިމްކުރުމާއި, ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލުމަށް ފުރުޞަތު ފަހިކޮށްދެއްވުން ހިމެނެއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދީގެން ފަންނާނުންނަށް ފުރުޞަތުތައް ހުޅުވާލުމަކީ މެނިފެސްޓޯގައި ހިމަނާފައިވާ މުހިއްމު ވައުދުތައްކަމަށްވެސް އެމްޑީޕީން ބުނެއެވެ.