ޚަބަރު

ކެމްޕެއިން ނިންމުމަށް ދެ ޕާޓީންވެސް މިއަދު ހަވީރު ބޮޑެތި ހަރަކާތްތަކެއް


  • ކެމްޕެއިން ކުރެވޭނެ ފަހު ވަގުތަކީ މިއަދު އިރުއޮއްސި 06:00އާއި ހަމައަށް

  • ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީގެ ރެލީ ހަވީރު މާލޭގައި އޮންނާނެ

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ އެތައް ގޮތަކުން ތާރީޚީ އިންތިޚާބެކެވެ. އޮގަސްޓް 9ވަނަ ދުވަހު 8 ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރިއިރު، މިއީ ރިޔާސީ ރޭހަށް އެއްފަހަރާ އެންމެ ގިނަ ކެންޑިޑޭޓުން ނުކުތް ފަހަރެވެ.

ވާދަވެރި ވޯޓަކަށްފަހު ބޮޑު ތަފާތަކުން، އިންތިޚާބުގެ ދެވަނަ ބުރަށް ހޮވިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. ފުރަތަމަ ބުރުގެ ވޯޓަށްފަހު، ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރަށް ތައްޔާރުވެފައި މިވަނީ 3 ހަފްތާގެ މުއްދަތަކަށްފަހުއެވެ.

މި ތިން ހަފްތާގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައްވެސް މެކުހަށް ޖެއްސެވިއެވެ. މާދަމާ ބާއްވާ ދެވަނަ ބުރުގެ އިންތިޚާބުގެ ނަތީޖާ ވެގެންދަނީ، ކުރިއަށް އޮތް 5 އަހަރުގެ ދަޢުރުގައި ދިވެހިރާއްޖޭގެ ވަލިއްޔުލްޢަމްރަކަށް ދިވެހިން އައްޔަންކުރާ ބޭފުޅަކު ކަނޑައަޅާ ބޮޑު ދުވަހަށެވެ.

ދެވަނަ ބުރަށް ތައްޔާރުވުމަށް ދެ ޕާޓީންވެސް ވަނީ ކެމްޕެއިންގެ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ފޯރިއާއެކު ކުރިއަށްގެންދަވާފައެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް ބޮޑަށް ކުރިއަށްގެންދެވީ އަތޮޅުތަކުގެ ރަށްތަކުގައެވެ. އެގޮތުން ކުދި އާބާދީ ހިމެނޭ ރަށްތަކަށާއި ސިޓީތަކަށް ވަޑައިގެންފައިވެއެވެ. ނަމަވެސް މާލޭގައިވެސް ދޮރުން ދޮރަށް ހިންގެވުމާއި، ޖަގަހަ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން ސިޔާސަތުތައް ޙިއްސާކުރައްވާފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބައިވެރިވަޑައިގެން ކެމްޕެއިން ހަރަކާތްތައް މައިގަނޑުގޮތެއްގައި ކުރިއަށްގެންދެވީ މާލެ ސަރަޙައްދުގައެވެ. ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި، އަދި ޖަގަހަ ޖަލްސާތަކާއި ކަންމަތީ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އައްޑޫ، ފުވައްމުލައް އަދި ތިނަދޫގައި ކެމްޕެއިން ޖަލްސާތައް ބޭއްވެވިއެވެ.

ފުރަތަމަ ބުރަށް ފަހު ލިބުނު 19ވަރަކަށް ދުވަހު، ދެ ކެންޑިޑޭޓުންވެސް ވަނީ ތާޢީދު އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ދެވަނަ ބުރުގެ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދެވޭނެ އެންމެ ފަހު ވަގުތަކީ މިއަދު އިރުއޮއްސި 06:00އެވެ.

ދެ ކެންޑިޑޭޓުންވެސް ކެމްޕެއިން ނިންމުމަށް މިއަދު މާލޭގައި ޚާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން ޑރ.މުޢިއްޒު ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާއެކު ބާއްވާ "ދިވެހިންގެ ރާއްޖެ ހިނގާލުން" ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 03:45ގައި، ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މިހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާ ހިނގާލުން "އުފާވެރި އަމާން ރާއްޖެ ރެލީ" ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. ރެލީ ނިންމާނީ އުސްފަސްގަނޑު ސަރަޙައްދަށެވެ.

ދެ ކެންޑީޑޭޓުންގެ ކެމްޕެއިން ނިންމުމުގެ ހަރަކާތްތައް އަތޮޅުތަކުގެ ރަށްތަކުގައިވެސް މިއަދު ހަވީރު ކުރިއަށްދާނެއެވެ. މިއީ ކެންޑިޑޭޓުންގެ ކެމްޕެއިންގެ އެންމެ ފަހުގެ ހަރަކާތްތަކެވެ.

މިއަދު ހަވީރު 06:00އިން އާދިއްތަ ދުވަހުގެ ހަވީރު 06:00އާއި ހަމައަށް ޕާޓީތަކުން ކެމްޕެއިންއާއި ގުޅުންހުރި އެއްވެސް ހަރަކާތެއް ހިނގުން މަނާވާނެއެވެ.

ކެމްޕެއިން ނިންމުމުގެ ހަރަކާތްތައް ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އުސޫލަށް ކެންޑިޑޭޓުންނާއި ޕާޓީތަކުން ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަންނަވައެވެ.