ޚަބަރު

ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ކުރިއަށް ގެންދިޔަގޮތަށް އިލެކްޝަންސްގެ ތަޢުރީފް


  • ކެންޕެއިން ކުރުމުގެ ވަގުތު މިހާރު ވަނީ ހަމަވެފައި

  • ކެމްޕެއިން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު

  • ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5އަށް

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ކެންޕެއިންގެ ހަރަކާތްތައް ދެ ސިޔާސީ ޕާޓިންވެސް ނިންމާލާފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތައް ނިންމާލުމަށް 2 ކެނޑިޑޭޓުންވެސް ކުރިއަށްގެންދިޔަ ހަރަކާތްތައް އެ ކޮމިޝަނުން ބަލާފައިވާކަމަށެވެ. އަދި ކެމްޕެއިން ނިންމާލާފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައިކަމަށާއި، އެހެންކަމުން މިއީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް އުފާކުރާ ކަމެއްގެ ގޮތުގައި ހަބީބު ފާހަގަކުރެއްވިއެވެ.

ކެމްޕެއިން ކުރުމުގެ ވަގުތު މިހާރު ހަމަވެފައިވާތީ، މިހާރު އެއްވެސް ފަރާތަކުން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އަދި އެސްއެމްއެސްއާއި އެނޫންވެސް ގޮތްގޮތައް ނުކުރުމަށް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ ހައްޤަކަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެން ކޮމިޝަންގެ ފަރާތުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކެމްޕެއިންގެ އެންމެ ފަހު ވަގުތުގައި 2 ކެންޑިޑޭޓުންގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިމިގެންދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކު ވަރަށް އެކުވެރި މާހައުލެއްގައި. ފުލުހުންގެ ފަރާތުންވެސް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވައިގެން އެކަން ވަރަށް ރަނގަޅަށް ތަރުތީބުކުރެއްވި. އެކަމަށްޓަކައި ކެންޑިޑޭޓުންނަށާއި އަދި ޕާޓީތަކަށާއި ފުލުހުންނަށް ކޮމިޝަނުން ޝުކުރު ދަންނަވަން." ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 08:00 އިން ހަވީރު 05:00އަށެވެ.