ޚަބަރު

3 ގަޑިއިރު ތެރޭ 97000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި


  • މިއަދުގެ 11 ޖެހުމާއި ހަމައަށް 34.38 އިންސައްތަ މީހުން ވަނީ ވޯޓުލާފައި

  • އޭގެތެރޭގައި ހިމެނެނީ 52،457 ފިރިހެންނުންނާއި، 44،763 އަންހެނުން

11 ޖެހުމާއި ހަމައަށް، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 34.38 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަދުގެ 11 ޖެހުމާއި ހަމައަށް ޖުމްލަ 97،220 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން، 52،457 ފިރިހެނުން ވޯޓުލާފައިވާއިރު، 44،763 އަންހެނުން ވަނީ ވޯޓުލާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ވަނީ ލިބިފައެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.