ޚަބަރު

ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރަހާފައިވާ މައްސަލަ ހައްލުކޮށް، އޮފިޝަލު މަސްޢޫލިއްޔަތުން ދުރުކޮށްފި


  • މި ފޮށީގެ ވޯޓުލުމް މެދުކަނޑާލީ ކަރުދާހުގައި ކުރަހާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި

  • މިހާރު ވަނީ މައްސަލަ ހައްލުކޮށް ވޯޓުލާން ފަށާފަ

  • އެ ފޮށީގެ އޮފިޝަލު ވަނީ މަސްޢޫލިއްޔަތުން ދުރުކޮށްފަ

ލ.ފޮނަދޫގައި ކުރަހާފައިވާ ވޯޓު ކަރުދާހުގެ މައްސަލާގައި، އެ މަރުކަޒުގެ އޮފިޝަލު މަސްޢޫލިއްޔަތުން ދުރުކޮށް، އަލުން ވޯޓުލާން ފަށައިފިއެވެ.

ފޮނަދޫގައި ވޯޓުލުން މެދުކަނޑާލީ، އެ މަރުކަޒުގެ އޮފިޝަލް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ކަރުދާސް ދޫކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ އިދިކޮޅުން ވަނީ އިލެކްޗަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ.

މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، މައްސަލަ ޖެހުނު ވޯޓު ފޮށީގެ އޮފިޝަލު މަސްޢޫލިއްޔަތުން ދުރުކޮށް، މިހާރު އެ ވޯޓު ފޮށީގައި ވޯޓުލާން ފަށާފައިވާކަމަށެވެ.

މައްސަލަ ޖެހުނީ ލ. ފޮނަދޫގައި ބަހައްޓާފައިވާ 3 ނަންބަރު ވޯޓު ފޮށީގައެވެ.

މިކަމާއި ގުޅޭގޮތުން ޙަބީބު ވިދާޅުވީ ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލުންގެ އަތުގައި ގަލަމެއް ނޯންނާނެ ކަމަށެވެ. އަދި އޮފިޝަލުންނަށް ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުމުގެ ފުރުޞަތު ނޯންނާނެކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ބަހައްޓާފައިވާ 3 ނަންބަރު ވޯޓު ފޮއްޓަށް 620 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މި ވޯޓު ފޮއްޓަކީ ފޮނަދޫ ކުރިމަގު އިޖުތިމާޢީ މަރުކަޒުގައި ބަހައްޓާފައިވާ ފޮށްޓެކެވެ.