ޚަބަރު

50%އަށްވުރެ ގިނަމީހުން ވޯޓުލައިފި، ވޯޓުލުންދަނީ އަމާންކަމާއި އޮމާންކަމާއެކު: އިލެކްޝަންސް


  • އެކެއް ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 141000 މީހުން

  • މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ވަނީ ލިބިފައި

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %50 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަދުގެ 1 ޖެހުމާއި ހަމައަށް ޖުމްލަ 149،524 މީހުން ވަނީ ވޯޓުލާފައެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން، 76،290 ފިރިހެނުން ވޯޓުލާފައިވާއިރު، 73،234 އަންހެނުން ވަނީ ވޯޓުލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އޮމާންކަމާއެކު ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ވަނީ ލިބިފައެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.