ޚަބަރު

މެންބަރު ނިހާދަށް ހަމަލާދިން މައްސަލައެއް ބަލަން ފަށައިފި


  • ނިހާދު ހުންނެވީ ސ. ފޭދޫގައި

  • ނިހާދަށް ހަމަލާދީފައިވަނީ ރަށުގައި ހުންނަވަނިކޮށް

  • ފުލުހުން ދަނީ މި މައްސަލަ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާތީ ނިހާދު ހުންނެވީ ސ. ފޭދޫގައެވެ. ފުލުހުން ވިދާޅުވީ، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލަ މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު ދިމާވެދާނެ ކޮންމެކަމަކަށް ދިވެހި ފުލުހުންގެ ކޮމާންޑަރުންނާއި ޚިދުމަތުގައި ހިމެނޭ ހުރިހާ އެންމެން އެކަންކަމަށް އިޖާބަދިނުމަށް ތައްޔާރުވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ކަނޑައެޅިފައިވާ ތަރުތީބުން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށާއި، ވޯޓުލުމަށްފަހު އެ ސަރަޙައްދުގައި މަޑު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ލިބެންދެން ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމަށާއި، ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްޤަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފައެވެ.