ޚަބަރު

ވާދަވެރި އިންތިޚާބު ނިމުމަކަށް: ޥޯޓް ގުނުމާއި ނަތީޖާ އިޢުލާންކުރުން ކުރިއަށް


  • އިންތިޚާބުގައި ވާދަކުރީ ރައީސް ސާލިހާއި މާލެ ސިޓީގެ މޭޔަރު މުއިއްޒު

  • ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓްލީ މީހުން އިތުރު

  • ވޯޓް ގުނުން ކުރިއަށްދާއިރު، ނަތީޖާވެސް ދަނީ އިއުލާންކުރަމުން

ކުރިއަށްއޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިިހާބުކުރުމަށް ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓްލުން ނިމި، ޥޯޓް ގުނުމާއި ނަތީޖާ އިޢުލާންކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8 ޖެހުމާއެކު ފެށިގެން ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހަވީރު 5:00 ޖެހުމާއި ހަމައަށް ވަނީ ކުރިއަށްގޮސްފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، އަޅާބަލާއިރު މިއަދު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ގިނަ ފޮށިތަކުގެ ވޯޓްލުން ނިމި، ވޯޓް ގުނުމާއި އިއުލާންކުރުން ކުރިއަށްދާކަމަށްވެސް އެ ކޮޮމިޝަނުން ބުނެއެއެވެ.

ބައެއް ސަރައްހަދުތަކުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގިނަމަވެސް، އިންތިހާބުގެ ކަންކަން އެވްރެޖްކޮށްދިޔައީ ރަނގަޅަށްކަމަށް އިލެކްޝަންސްއިން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ 143،609 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ދެން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރު ފުރާއިން ޖުމްލަ 116،047 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 65 އަހަރުން މަތީގެ 23148 މީހަކަށް މި ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައި ވަނީ 3327 މީހުންނެވެ.