ޚަބަރު

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޢިއްޒަށް ރައީސް މަރުޙަބާ ދަންނަވައިފި


  • ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ 129،000 އަށްވުރެ ގިނަ ވޯޓާއެކު

  • ރައީސް ވަނީ ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްވެސް ޝުކުރު ދަންނަވާފައި

ރިޔާސީ އިންތިޚާބު 2023 ކާމިޔާބުކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އެމަނިކުފާނަށް ވޯޓުދެއްވީ ހުރިހާ ރައްޔިތުންނަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވާތީ، އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ. އަދި ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.


މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ނުލިބުމުން ރައީސްއަކު ކަނޑައެޅުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.