ޚަބަރު

އެމްޑީޕީން ދެން ހަރަކާތްތެރިވާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުމަށް: ފައްޔާޒް


  • ފައްޔާޒް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ދެބޭފުޅުންނަށް މަރުޙަބާ ދަންނަވާފަ

  • އެމްޑީޕީން ދެން މަސައްކަތްކުރާނީ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް ވިދާޅުވި

  • އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޞް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ. އެ ޓުވީޓުގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއިން ދެން ހަރަކާތްތެރިވާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައިކަމަށާއި، ސަރުކާރު ހިންގާއިރު ޑިމޮކްރަސީގެ ހަމަތަކާއެކު ކުރިއަށްގެންދޭތޯ ކަށަވަރުކުރާނެކަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީން ވަނީ މީގެ ކުރިންވެސް ސަރުކާރުތަައް ޖަވާބުދާރީ ކުރުމަށްޓަކައި މަސައްކަތްކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ.މުޙައްމަދު މުއިއްޒުއާއި އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް ގިނަބަޔަކު އަންނަނީ މަރުހަބާ ދަންނަވަމުންނެވެ. ޑރ.މުޙައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ވާދަކުރައްވައެވެ.