ޚަބަރު

މިއީ އެއްބައިވަންތަކަން އިސްކޮށް ޤައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރަންވީ ވަގުތު: ޑރ.މުޢިއްޒު


  • އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ވަނީ ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާޠަބުކުރައްވާފައި

  • ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްވާނީ ދެފުށް ފެންނަ ސަރުކާރަކަށްކަށް

  • ގޮވާލެއްވީ ޤައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް

މިވަގުތަކީ ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަކަން އިސްކޮށް ޤައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް ވިދާޅުވެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމަކަށް ހިތްވަރު ނުދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ފަހަރައް ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ދެން ބަައްޓަންވެގެންދާނީ ރައްޔިތުންނަށް ބޭނުންވާގޮތަށްކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ އަމާން، އިޚުލާސްތެރި، ތެދުވެރި ވެރިކަމެއް ރައްޔިތުންނަށް ހޯދައިދީ، ދިވެހިންނަށް ދިވެހިންގެ ރާއްޖެ ޔަގީން ކޮށްދޭނެ ވެރިކަމަކަށްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ނިންމި ނިންމުމަކީ، ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ލިބިވަޑައިގެންނެވި ބޮޑު ހިތްވަރެއްކަމަށާއި، ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް ލިބުނު ހިތްވަރުކަމަށެވެ. އެމަނިކުފާނަށް ކުރެއްވި އިރުބާރާއި ތާޢީދަށް އިންތިޚާބީ ރައީސް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބީ ރައީސް، ޑރ.މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކުން ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ކޮންމެ ރައްޔިތަކީވެސް ހަމަހަމަ މީހެއްކަމާށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ނުގެންގުޅޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުގެ ޢަމަލު ހުންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް. ބަހުގެ އިތުބާރު ދަމަހައްޓާ ޢަމަލާ ބަހާ ދިމާވާނެ. ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނީ. ދިވެހިން ދިވެހިންގެ ރާއްޖެއަށް ގެންގޮސްދޭނަން." އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވަނީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި މަތިވެރި އާމާނާތާއި، ޒިންމާ އަދާކުރަން ފުރުޞަތު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ޑރ.މުޢިއްޒު ވިދާޅުވީ ވެރިކަން ބަދަލުވާ މަރުޙަލާގައި ޤާނުނީ ހަމަތަކުގެ މަތިން، 17 ނޮވެމްބަރުއާއި ހަމައަށް އެކަމުގެ މަސައްކަތްތައް ފުރިހަމައަށް ކުރައްވާނެކަމަށެވެ. އަދި މި މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ފަށައިގަންނަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ވަނީ، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ޤައުމުގެ މަސްލަހަތައްޓަކައި މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް މާދަމާރޭ ޚައްޞަ ހަރަކާތެއް ބާއްވަވާނެކަމަށްވެސް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.