ޚަބަރު

އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ޓްރާންސިޝަން ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް


  • ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ޒިންމާއަކީ ވެރިކަން ބަދަލުވުމުގެ ކަންކަން ކޮށްދިނުން

  • ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްފުޅުންވެސް ވަނީ ކޮމިޓީ އުފައްދަވާފައި

ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އިސް މެމްބަރަކަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.

ގާނޫނުގައިވާ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ. ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީވެސް އަބްދުއްރަހީމެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލްގެ މަސައްކަތް ކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.