ސިޔާސީ

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުން މުހިންމު: ޑރ.މުއިއްޒު


  • ޒިންމާދާރު އޮފަޒިޝަނަކުން ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމަށް ވިދާޅުވި

  • އަދި ޤައުމަށް ރަނގަޅު ކަންކަމުގައި ސަރުކާރަށް ތާއީދުކުރާނެ ކަމަށް ވިދާޅުވި

ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަންޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވެވި މިބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރެއްވުމުން އެޕާޓީން ދެންނެވި މަރުހަބާއަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެމަނިކުފާނަށް ބައްދަލުކުރެއްވި ކުރެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހުވެސް ޑިމޮކްރަސީގެ ރީތި ހަމަތަކުގައި ހިއްޕެވުމަށް އެމްޑީޕީއަށް ވަނީ ގޮވާލައްވާފައެވެ.

ޑރ. މުޙައްމަދު މުއިއްޒު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ދެމިއޮތުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު އިދިކޮޅު ފަރާތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރާނެކަމަށާއި އަދި ޤައުމަށް ރަނގަޅު ކަންކަމުގައި ސަރުކާރަށް ތާއީދުކުރާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ރެސްޕޯންސިބަލް އޮޕަޒިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތިބޭފުޅުން ހަމަ ތައްޔާރުވާށޭ. އެއީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެކޭ. ސަރުކާރަކަށް ޑިމޮކްރަސީއެއްގެ ބޭނުންވާނެ ރެސްޕޯންސިބަލް އޮޕަޒިޝަނެއް އޮންނަން. ރެސްޕޯންސިބަލް އޮޕަޒިޝަނަކުން ސަރުކާރަކުން ކުރާ ކަންކަމަށް ފާޑު ކިޔާނެ. އަދި އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ. އެހެންނަމަވެސް ޤައުމަށް މުހިންމު ކަންކަމުގައި ޤައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޯންސިބަލް އޮޕަޒިޝަނަކުން އެއްގަލަކަށް އަރާނެ". ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ޤައުމަށް ހަމަޖެހުން ލިބިގެންދާނީ އެމްޑީޕީން ޒިންމާދާރު އިދިކޮޅު ފަރާތެއް އޮވެގެންކަމަށެވެ. ޑިޕްލޮމަސީގެ އުސޫލުން ހުރިހާ ކަމެއްވެސް ހާސިލްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ޑރ.ހުސައިން މުހައްމަދު ލަތީފާއި، ޕީޕީއެމް/ ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި، ޕާޓީގެ އިސް ބޭފުޅުންނާއި، ގުޅިފައިވާ ކޯލިޝަންތަކުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.