ރާއްޖޭގައި ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުމަކީ ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކެވެ.
މިއާއެކު ޖަލުތަކުގެ ކަންކަން ބަލަހައްޓަނީ އެވުޒާރާގެ ބެއްލެވުމުގެ ދަށުންނެވެ. ރާއްޖޭގެ ޖަލުތަކަކީ ޒަމާންތަކެއްވަންދެން އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ރަނގަޅު ހަރުދަނާ ހަޅަތަކަށް ގެންދަން ޖެހިފައިވާ ތަންތަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޖަލުތަކުގެ ހާލަތު ހުރީ ކަންބޮޑުވާ ހާލަތުގައިކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ޖާގައިގެ ދަތިކަމާއި، އިންސާނީ ވަސީލަތްތައް މަދުވުމުގެ އިތުރުން، އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުރިހަމަކުރަން ބޭނުންވާ އިންތިޒާމުތައް ޖަލުތަކުގައި ފުރިހަމަވެފައި ނެތުމަކީ ޖަލުތައް ބަލަހައްޓާ އިދާރާތަކަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
2023ގައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖޭގެ ޖަލުތަކުގައި ކަރަންޓު ނުލިބޭ ގިނަ ގޮޅިތަކެއް ހުއްޓެވެ. އެއީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ކަންކަމުގެ ގޮތުގައި ފާހަގަކުރައްވާ، ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އިޙްސާން ވިދާޅުވީ، ޖަލުތަކުގައި ތިބޭ ޤައިދީންނަށް ދިމާވާ އެފަދަ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާފައިވާނެކަމަށެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމާއި، ގައިދީން ތިބޭ ތަންތަނަކީ އިންސާނުން އުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަށް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޖަލަށް ލިޔަސް އެއީ ދިވެހި ރައްޔިތުން ކަރާމާތެއް އޮންނާނެ. ހުރޭ އިންސާނީ ހައްގުތައް. ކަރާމާތް ކަށަވަރު ކުރަން ޖެހޭ. ސާފު ވަޔަކީ ކޮންމެ މީހަކަށް ލިބެންޖެހޭ. ހައްގުތަކަށް ވަކާލާތު ކުރާ ސަރުކާރުގެ ދެ ސަރުކާރު އައިސްފައި ދިޔައިރުވެސް ހާލަތު އޮތީ މިހެން." ދާޚިލީ ވަޒީރު އިޙުސާން ވިދާޅުވިއެވެ.
ޖަލުތަކާއި ގުޅޭގޮތުން ދެން ދިމާވި އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި ޢަމަލުކުރި ގޮތުގެ ސަބަބުން 500 މީހުންގެ ޖާގައިގެ ޖަލެއް ނެތިގެން ދިޔަކަށް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ. އެކަން ހައްލުކުރުމަށް. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ޖަލުތަކަށް 400އެއްހާ ޖާގަ އިތުރުކޮށްފައިވެއެވެ.
ޖަލުތަކުގައި ތިބޭ ގައިދީން އިތުރު ބައެއް ކުށްތަކަށް އަރައިގަންނަ މައްސަލައަކީ މޮނިޓަރ ނުކުރެވި ވަރަށް ބޮޑަށް ދޫކޮށްލެވިފައިވާ މައްސަލައެއްކަމަށް އިދާރާތަކުން ފާހަގަކުރައްވައެވެ. އެކަން އެހެން ހިނގަން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވަސީލަތުގެ ދަތިކަންކަމަށް އިދާރާތަކުން އޭރު ފާހަގަކުރެއްވިއެވެ.
ޖަލުތަކުގައި ހިންގާ ކުށްތަކުގެ ތެރޭގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރުމާއި، ޖަލުގައި ތިބެގެން ސްކޭމް ކޯލްތައް ހިންގުންފަދަ ކަންކަން ފާހަގަކުރެވެއެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގައި މިހާތަނަށް 153 އޮޕަރޭޝަން ހިންގާފައިވެއެވެ. ސްކޭމް ކޯލްތައް ހުއްޓުވުމަށް، 200އަށް ވުރެ ގިނަ ނަމްބަރު ކެންސަލްކޮށްފައިވެއެވެ.
މީގެއިތުރުން ރާއްޖޭގައި ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓާ، ވަޒީފާއަށް ނިކުންނަ ހުރިހާ އޮފިސަރުން ސްކޭންކުރުމަށް ފަހު ޑިއުޓީއަށް ނުކުންނަ ގޮތަށް ހަމަޖެއްސިއެވެ. މިކަމުގެ ސަބަބުން އޮފިސަރުން މެދުވެރިވެގެން ޖަލަށް ވެއްދުން މަނާތަކެތި ވެއްދުމަށް ހައްލެއް ހޯދަން މަގުފަހިވިއެވެ. މީގެއިތުރުން ޖަލަށް ފޮނުވާތަކެތި ބަލާ ސްކޭން ކުރެވޭނެމަގުވެސް މިހާރު ފަހިކޮށްދީފައިވެއެވެ.
އެ ހިސާބުން ޖަލުތަކަށް ޑްރޯން މެދުވެރިކޮށް ތަކެތި ވައްދަން މަސައްކަތްކުރުމުގެ މައްސަލަ ފެންމަތިވިއެވެ. އެހެންކަމުން މިހާރު ސަރުކާރުން މަސައްކަތްކުރައްވަމުންދަނީ، ކައުންޓަރ ޑްރޯން ވަސީލަތްތައް ހޯދާ، ޑްރޯންއާ ޓެކްލްކުރެވޭނެ މަގެއް ހޯދުމަށެވެ.
މީގެއިތުރުން، ޖުވެނައިލް ޑިޓެންޝަން ސެންޓަރ ޤާއިމްކޮށް ހިންގަން ފެށުމަކީ ޖަލުތައް ހަރުދަނާކަމާއި އެކު ހިންގާ، ކުށުގެ ވެށީގައި ތިބި ކުދިން އަނބުރާ މުޖުތަމަޢުއަށް އެޅި މުހިންމު ފިޔަވަޅެކެވެ. ދުރު ރާސްތާއަށް ވިސްނާ، ޒަމާނީ ކޮންސެޕްޓްތަކަށް ގައިދީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އިސްކަންދެއްވައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕަން އައިލެންޑް ކޮންސެޕްޓަށް ޖަލެއް ކަނޑައަޅާ، އެ ރަށުގައި ޤައިދީންނަށް މަސައްކަތްކުރެވޭނެ ގޮތަށް ހަމަޖައްސަން ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަން ދަނީ މަސައްކަތްކުރަމުންނެވެ. އެ ތަނުގައި ޖަލުގަ ޤައިދީންނަށް ދަނޑުވެރިކަން ފަދަ މަސައްކަތްތައް ކުރެވޭނެއެވެ.
ކުރިއަށް އޮތްތަނުގައި ގެންނަ މުހިންމު އަނެއް ބަދަލަކީ ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމެއް އެކުލަވާލާ، ޖަލުގެ ގައިދީންގެ ތެރެއިން، އެ ޕްރޮގްރާމްގައި ބައިވެރިވެ ގައިދީން ރަނގަޅު އަޚުލާގުގެ މަތީގައި ދެމިތިބޭ ކޮންމެ ދުވަހަކީ ޖަލުހުކުމުން ދުވަހެއް ކެނޑޭ ދުވަހަކަށް ހެދުމަށް މިހާރުދަނީ މަސއްކަތްކުރަމުންނެވެ.
އޭގެއިތުރުން، ޖަލުތަކުގައި ތިބޭ މީހުންނަކީ ދިވެހިންގެ ސަޤާފަތް ކުރިއަރުވާ ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރައްވައެވެ. ޖަލުގައި ސަޤާފީ މަރުކަޒެއް ޤާއިމްކޮށް، އެ އެއްޗެއްހި ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސީ އެ ވިސްނުމުގައެވެ.
ޖަލުތަކުގެ ވަސީލަތްތައް ފުރިހަމަކުރުމުގެ އިތުރުން ޚަރަދުކުރުމުގައި ދަޢުލަތަށް އެންމެ ރަނގަޅު ގޮތް އިސްކުރުމަށް ސަރުކާރުން އިސްކަންދެއްވާފައިވެއެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް ހުރިތަނަށް މަހު ކުލީގެ ގޮތުގައި 6 ލައްކަ ރުފިޔާ ދައްކަން ޖެހެއެވެ.
އެ ތަނުގެ ކޮންޓްރެކްޓް އޮތީ، 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ހަމަވާގޮތަށެވެ. ހެޑް އޮފީސް ޤާއިމްކުރުމަށް، އައު ތަނެއް ހޯދަން ބެލި އިރު ތަނެއް ހޯދުމަށް 1.2 މިލިއަން މަހަކު ދައްކަން ޖެހުނެވެ. އެކަން އިސްލާހުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އެކު ކުރެއްވި މަސައްކަތުން ކަރެކްޝަންސްގެ ހެޑް އޮފީހުގެ އާ އިމާރާތްވަނީ ނިންމާލާފައެވެ. 4 ބުރީގެ އިމާރާތެއް ނިންމާލީ ގައިދީންނާއި އޮފިސަރުން އެކުވެގެން ކުރި މަސައްކަތުންނެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ޖަލުތަކުގެ ފެންވަރު ރަނގަޅުކޮށް، ގައިދީންނަކީ ހަށިހެޔޮ ހަރުދަނާ ބަޔަކަށް ވެގެން އަނބުރާ މުޖުތަމަޢު އަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ޖަލުތަކުގެ ނިޒާމަށް ސަރުކާރުން ދަނީ ބަދަލުގެންނަވަމުންނެވެ. ޤާނޫނީ ބަދަލުތަކުގެ އިތުރުން، ރިހިބިލިޓޭޝަން ހަރުދަނާކޮސް، ޖަލުތަކަކީ ކުށުގެ ވެށިން މީހުން ދުރުކޮށްދޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރައްވައެވެ.