ޚަބަރު

ރިޔާސީ އިންތިޚާބުގެ ޤާނޫނުތަކަށް ޒަމާނާގުޅޭ ބަދަލުތައް ގެންނަންޖެހޭ: ޙަބީބް


  • ރިޔާސީ އިންތިހާބާއި ގުޅޭ ޤާނޫނުތައް ހަދާފައިވަނީ މީގެ 15 އަހަރު ކުރިން

  • ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއިންވެސް ކުރީގައި އުޅެނީ ޑރ.މުހައްމަދު މުއިއްޒު

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކަށް ޒަމާނާއި ގުޅޭ ބަދަލު ގެންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާންކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވެވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކަކީ މީގެ 15 އަހަރު ކުރިން ހެދިފައިވާ ޤާނޫނުތަކެއްކަމަށެވެ. މިޤާނޫނުތަކަށް ޒަމާނާއި ގުޅޭ ބަދަލުތަކެއް އަންނަންޖެހޭކަމަށާއި، ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކީގައި އިލެކްޝަން ކޮމިޝަނުން މިކަމާއި ގުޅޭގޮތުން ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރައްވަން ޖެހިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހެދިފައި ހުރި ޤާނޫނުތައް ހެދިފައި ހުރީ މީގެ 15 ވަރަކަށް އަހަރު ކުރިން. މި ޤާނޫނުތަކަށް ހަޤީގަތުގައިވެސް މި ޒަމާނާއި ގުޅޭ ބައެއް މުހިންމު ބަދަލު އަންނަން އެބަޖެހޭ. ޤާނޫނުތަކުގައި ހުރި ބައެއް ކަންކަމާއި ގުޅިގެން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހުރި ބައެއް ކަންކަން މިހާރު ހުރީ ބައެއް ޤާނޫނުތަކަށް ވަދެފައި. އެހެންވީމަ އެކަމާއި ގުޅިގެން ކުރިން ވޯޓުލާ މީހުން ތަހައްމަލް ކުރަން ނުޖެހޭ ބައެއް ކަހަލަ ކަންކަން އެބަ ތަހައްމަލް ކުރަން ޖެހޭ. އެހެންވީމަ މިހާރުގެ ހާލަތާއި ގުޅޭގޮތުން މިޒަމާނަށް ފެތޭގޮތަށް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭ. މިމަސައްކަތް ކުރަންޖެހެނީ އިންތިޚާބެއް ބޯމަތިވެފައި ނެތް ދުވަސްވަރެއްގައި". ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޓުންވެސް ކުރިއަށްއޮތް 60 ދުވަހުގެ ތެރޭގައި ކެންޕެއިންގައި ކުރި ޚަރަދުގެ ރިޕޯޓް އެކޮމިޝަނަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށްއޮތް 10 ދުވަހުގެ ތެރޭގައި މަގުމަތީގައި ދަމާފައިވާ ކެންޕެއިން ދިދަތަކާއި ބެނާތައް ނެގުމަށްވެސް އެކޮމިޝަނުންވަނީ އެދިވަޑައިގެންފައެވެ.