ޚަބަރު

ބާރުތައް ހަވާލުކުރުމުގައި 7ކަމަކަށް އެހީތެރިކަން ދެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި


  • ރައީސް ޞާލިޙުގެ ޑިމޮކްރަސީގެ ނަމޫނާއަށް ޝުކުރު އަދާކުރެއްވި

  • ވަޒީފާތަކަށް އަލަށް މީހުން ނުވެއްދުމަށްވެސް އެދިވަޑައިގެންނެވި

  • މުދަލެއްގެ މިލްކުވެރިކަން ބަދަލުނުކުރުމަށް އެދިވަޑައިގެންނެވި

  • އައު މުއާހަދާއެއްގައި ސޮއިނުކކުރެއްވުމަށް

ސަރުކާރުގެ ބާރުތައް އައު ސަރުކާރާއި ހަވާލުކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް 7 ކަމެއް ކުރިއަށ ްގެންދިއުމުގައި އެހީތެރިކަން ދެއްވުމަށް އެދިވަޑައިގެން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި ސިޓީގައި ވަނީ، އާ ސަރުކާރާ ބާރުތައް ހަވާލުކުުރެއްވުމުގެ ކަންކަން އަމާންކަމާއެކު ގެންދެވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ދެއްވާފައިވާތީ، އެކަމަށް ޝުކުރު އަދާކުރައްވާ އެކަން ބަލައިގަންނަކަމަށް ވިދާޅުވެފައެވެ. މި ޔަގީންކަމާއެކު، އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ މަސައްކަތްތައް ވިލަރެސްކުރައްވަން ފަށްޓަވާފައިވާކަމަށްވެސް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި މަރުހަލާގެ މަސައްކަތްތައް އޮމާންކޮށް އަވަހަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެހީތެރިކަން ބޭނުންވާ ކަންކަމުގެ ގޮތުގައި 7 ކަމެއް، އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.

އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަންކަން:

1. ދަޢުލަތުގެ އެއްވެސް މުޢައްސަސާއަކުން އައު އިންވެސްޓްމަންޓެއް ނުކުރުން
2. ދަޢުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން
3. ދަޢުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން
4. ބައިނަލްއަޤްވާމީ މުޢާޙަދާތަކާއެކު އެއްބެސްވުންތަކުގައި ސޮއި ނުކުރުން
5. ޕީ.އެސް.އައި.ޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުން
6. ދަޢުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
7. ދަޢުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން

އިންތިޚާބީ ރައީސް ޑރ.މުޢިއްޒުގެ ސިޓީފުޅުގައި ވަނީ އިންތީޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙު ދެއްކެވި ޑިމޮކްރަސީގެ ރިވެތި ނަމޫނާއަށް ޝުކުރު ދަންނަވާފައެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާވެސް އެގޮތުގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ރައީސް ޞާލިޙު ވަނީ ޚާއްޞަ ކޮމިޓީއެއް އުފައްދަވާ، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ހަމަޖައްސަވާފައެވެ.

ސަރުކާރުގެ ބާރުތައް ހަވާލުކުރުމުގެ ކަންކަން ވިލަރެސްކުރުމަށް އުފައްދަވާފައިވާ ޓްރާންސިޝަލް ކޮމިޓީގެ އެންމެ އިސްބޭފުލެއްގެ ގޮތުގައި އިންތިޚާބީ ރައީސް އައްޔަންކުރައްވާފައިވަނީ ޢަބްދުއްރަހީމް ޢަބްދުﷲއެވެ.