ޚަބަރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޤާއިމުކުރައްވައިފި


  • އިންތިޚާބީ ރައީސްގެ އޮފީސް ޤާއިމްކުރެއްވީ ރައީސް އޮފީހުގައި

  • އެކަމަށްޓަައި ވަނި ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައި

  • އެންމެ އިސް ބޭފުޅަކީ ޢަބްދުއްރަހީމް ޢަބްދުﷲ

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤާއިމު ކުރައްވައިފިއެވެ. މި އޮފީސް ޤާއިމްކުރެއްވިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނުގައި ވާގޮތަށް، "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ޤާނޫނުގައި ވާގޮތުން މިއީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ.

މިމަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައިވާގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތައް ވެރިކަން ނަޤުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މަޢުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައިވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަނުކުރައްވާ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން، މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ބާރު އަޅުއްވާފައެވެ.