ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ވަޒީފާ ދިނުމުގެ ކަންކަން މަޑުޖައްސާލުމަށް އަންގަވައިފި


  • މިދަނޑިވަޅުގައި ވަޒީފާއަކަށް ހުޅުވާލެވޭނީ ސީއެސްސީއަށް ސަބަބު ހުށައެޅުމަށްފަހު

  • ކޮންމެހެން ބޭނުންވާ މަޤާމްތަކަށް މިހާރުވެސް މުވައްޒަފުން ނެގޭނެ

  • ކޮންޓްރެކްޓަށްވެސް މުވައްޒަފުން ނެގުން މަޑުޖައްސާލުމަށް ވަނީ އަންގާފައި

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކޮންމެހެން ބޭނުންވާ މަޤާމްތައް ފިޔަވައި އެހެން މަޤާމްތަކަށް މީހުން އައްޔަން ނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިފަދައިން އަންގާފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަދިނުމުގެ ގޮތުންނެވެ.

އެ ކޮމިޝަނުން ސިވިލް ސަރވިސް އިދާރާތަކަށް ފޮނުވި ސަރކިއުލާގައި ވަނީ މަޤާމުތަކަށް އިޢުލާންކުރުމާއި، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، މަޤާމުގެ ކުރިއެރުން ދިނުމާގުޅޭ މަސައްކަތްތައް ކުރިޔަށްގެންދިއުމުގެ އިތުރަށް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގައި އަމަލުކުރަންވީ ގޮތް އަންގަވާފައެވެ.

އެގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި، މުދިމުންނާއި އިމާމުންގެ މަޤާމުތަކަކ،ީ އެ ޚިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަޤާމުތަކަކަށްވާތ،ީ އެ މަޤާމުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެނޫން މަޤާމްތަކަށް މީހުން ބޭނުންވާނަމަ، ބޭނުންވާ ސަބަބު އަންގާ ހުއްދަ ހޯދުމަށްފަހު އިޢުލާންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.

ސީ.އެސް.ސީން ވަނީ މިހާތަނަށް އިޢުލާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން ދީފައިނުވާ މަޤާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސައިލުމަށްވެސް އަންގަވާފައެވެ. މީގެ އިތުރުން އިދާރީ އޮނިގަނޑު މުރާޖައާކުރުމާއ،ި އައު މަޤާމުތައް އުފެއްދުމާއި، އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަޤާމުތަކަށް މީހުން ހޯދުން މަޑުޖައްސައިލުމަށްވެސް އެކޮމިޝަނުން ވަނީ އަންގަވާފައެވެ.

އިންޓަރނަލީ އިޢުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަޤާމުތަކަށް މިހާތަނަށްކޮށްފައިވާ އިޢުލާންތަކާ ގުޅިގެން ކުރިއެރުންދިނުން މަޑުޖައްސައިލުމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރގައި ވަނީ އަންގަވާފައެވެ. އަދި އެކި އިދާރާތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަންޓެންސީ އުޞޫލުން މީހުން ނެގުން މަޑު ޖައްސާލުމަށްވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.