ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިން "ބިއޯންޑް"ގެ ދަތުރުތައް އިފްތިތާހްކޮށްފިއެވެ.
ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރާ ބިއޯންޑުގެ ދަތުރުތައް އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި އެއަރލައިންގެ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެ ގެނެސްފައިވާއިރު، އެފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ ބިއޯންޑުގެ މިފްލައިޓުގައި ހުންނަނީ ބިޒްނަސް ކްލާސްގެ 44 ގޮނޑިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއެއަރލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޟަށެވެ.
އަދި އަންނަ މަހުގެ 15ވަނަ ދުވަހު ޖަރުމަންވިލާތުގެ މިޔުނިކަށް ދަތުރެއްކުރުމަށް ހަމަޖެހިފައިވާއިރު، 17ވަނަ ދުވަހު ސްވިޓްޒަރލެންޑަށް ދަތުރުކުރެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުތަކަށް މިހާރުވެސް ދަނީ ޓިކެޓް ވިއްކަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އެއަރލައިނަށް މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.
" ފްލައިޓް އޮޕަރޭޝަނަށް އެކަނިވެސް 1600 މުވައްޒަފުން ކުރިއަށް އޮތް 5 އަހަރަށް ބޭނުންވާނެ، އަދި މިއާއެކު ދިވެހިންގެ އިތުރުން ބޭރު ޤައުމުތަކުންވެސް މުވައްޒަފުން ބޭނުންވާނެ،" ޓެރޯ ވިދާޅުވިއެވެ.
ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އަމާޒަކީ 50 އިންސަތައަކީ ދިވެހި މުވައްޒަފުންނަށް ހެދުންކަމަށެވެ.
"ކުރިއަށްއޮތްތަކުގައި ދިވެހިން ކުރިމަތިލަމުންދާ ވަރަކަށް އެބޭފުޅުންގެ ޤާބިލްކަން ހުރި ވަރަކުން ދިވެހިން ނަގަމުންދާނަން، އަމާޒަކީ ކުންފުނީގެ 50 އިންސައްތައަކީ ދިވެހި މުވައްޒަފުންނަށް ހެދުން" ޝަކީލާ ވިދާޅުވިއެވެ.
ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިނުން ދަތުރުތައް ފަށާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ދަތުރުތަކުގެ އަގުތައް ފެށެނީ 2000 ޑޮލަރުންނެވެ. އަދި ޔޫރަޕުގެ ގައުމުތަކުން އަގުތައް ފެށެނީ 3800 ޔޫރޯއިންނެވެ.
ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިއެއަރލައިން އުފައްދާފައިވާއިރު އެކުންފުންޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.