ޚަބަރު

އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް ޑިމޮކްރެޓުންނާއެކު މަޝްވަރާކޮށްފި


  • މަޝްވަރާކުރީ އިންތިޚާބީ ރައީސްގެ އޮފީހުގައި

  • މަޝްވަރާކުރީ ހަމަހަމަ ސަރުކާރެއް އެކުލަވާލުމަށް

  • އަދުލު އިންސާފު ގާއިމުވެފައި އޮންނާނެކަމަށް

ޤައުމީ އެއްބައިވަންތަ ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ބެހޭގޮތުން ދަ ޑިމޮކްރެޓްސްއާއެކު މަޝްވަރާކޮށް، ރަނގަޅު ޚިޔާލުތަކެއް ލިބިފައިވާކަމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑާރޝިޕްގެ އިސްވެރިންނާއެކު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އޮފީހުގައި ބޭއްވެވެވި ބައްދަލުވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ދެފަރާތުން މަޝްވަރާކުރެއްވީ އަދުލުއިންސާފު ގާއިމްވެފައިއޮތް، ހަމަހަމަކަމާ އެކީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރެއް އެކުލަވާލުމާގުޅޭގޮތުންކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ދިމާވި އެކި މައްސަލަތަކާ ގުޅިގެން ކުރަންޖެހުނު ތަޖުރިބާގެ އަލީގައި ކުރިއަށްދާނެ ގޮތާމެދުވސް ޑިމޮކްރެޓުންނާއެކު މަޝްވަރާކުރެވި ޚިޔާލު ލިބިވަޑައިގެންނެވިކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަކީ ކުރީގަ ސަރުކާރު ހިންގެވި ބޭފުޅުން ވީމަ އެ ސަރުކާރުން ކުރި ތަޖުރިބާ އަޅުގަނޑުމެންނަށް ހިއްސާ ކުރެއްވި. ދިމާވެފައި ހުރި މައްސަލަތަކާއި އެއާއެކީ އޭގެ އަލީގައި ކުރިއަށް ދިއުމުގައި ހިޔާލު ހުރި ގޮތް ހިއްސާ ކުރެއްވި." އަބްދުއްރަހްމާން ވިދާޅުވިއެވެ.


ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ބުނެފައިވަނީ ވަނީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި އެޕާޓީގެ ހިއްސާ އޮންނާނެކަމަށެވެ. އަދި އައު ސަރުކާރަށް އެއްބާރުލުންދޭނެކަމަށްވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވަނީ، އައު ސަރުކާރުގައި ތަޢުލީމާއި ޤާބިލުކަމަށް ބަލައި ކޮންމެ މީހަކަށްވެސް ސަރުކާރުގައި ފުރުޞަތު އޮންނާނެކަމަށާއި، އެކުލަވާލާނީ ޝާމިލް ސަރުކާރެއްކަމަށެވެ.