ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއަރޕަސަންއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.
އެމް.އެމް.އޭގެ ގަވަރުނަރަށް މަރުޙަބާ ވިދާޅުވެ ރައީސް ޞާލިޙު ކުރެއްވި ޓުވީޓުގައި މިއީ ދިވެހިރާއްޖެއަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ޤައުމުތަކުގެ ވޯޓުން ހޮވާ މަޤާމެކެވެ.
Warm congratulations to @MMA_Maldives Governor Ali Hashim as he steps up as Chair of the Boards of Governors for the World Bank Group and the IMF for 2024. A proud and historic moment for the Maldives.
— Ibrahim Mohamed Solih (@ibusolih) October 13, 2023
ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ. މި މަޤާމަށް ރާއްޖެ ހޮވުނުކަން އިޢުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.
އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024 ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ. ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ.
ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި، ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ.
ދިވެހިރާއްޖެއިން ވޯލްޑް ބޭންކާއި، އައިއެމްއެފްއާއި ގުޅުނީ 1978 ގައެވެ. ރާއްޖޭގެ އިޤްތިޞާދީ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީގައި ވޯލްޑް ބޭންކާއި އައިއެމްއެފްއިން އަންނަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.