ޚަބަރު

އާސަންދައަށް ބަޖެޓުކުރި ޢަދަދަށްވުރެ ބޮޑު ހޭދައެއް، 1.8 ބިލިއަން ރުފިޔާ


  • އާސަންދައަށް ފުރަތަމަ ފާސްކުރީ 730.9 މިލިއަން ރުފިޔާ

  • ފަހުން 906.7 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓްކޮށްފައި

  • އަހަރު ނިމުނުއިރު 1.8 ބިލިއަން ޚަރަދުކުރި

އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތަށް މިދިޔަ އަހަރު 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ މިދިޔަ އަހަރު ބަޖެޓު ތަންފީޒުކޮށްފައިވާގޮތާއި ހާސިލުކުރެވުނު ނަތީޖާތައް ބަޔާންކުރައްވާ އާއްމުކުރެއްވި މިދިޔަ އަހަރުގެ ބަޖެޓު ނަތީޖާގެ ބަޔާނުގައެވެ.

ބަޖެޓް ނަތީޖާ ބަޔާނުގައި ވަނީ، ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ސަރުކާރުން ދޭ އެހީއާއި، އިޝްތިރާކާއި ސަބްސިޑީއަށެވެ. އެގޮތުން މިދިޔަ އަހަރަށް މިބަޔަށް ކުރާ ޚަރަދަށް 4.8 ބިލިއަން ރުފިޔާ ފާސްކޮށްފައިވެއެވެ.

މިދިޔަ އަހަރު ބަޖެޓާއެކު އާސަންދަ ސްކީމަށް ކުރާ ހޭދަތައް ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. މިގޮތުން، މެކްސިމަމް ރީޓެއިލް ޕްރައިޒް ނުވަތަ ބޭސް އެންމެ މަތިން ވިއްކޭ އަގު ކަނޑައެޅުމާއި އަދި ބޭސް އެތެރެ ކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށް ހިމެނުނެވެ.

ނަމަވެސް، މި ފިޔަވަޅުތައް ކުރިއަށް ނުގެންދެވި، މިދިޔަ އަހަރުގެ ތެރޭގައި އާސަންދަ ސްކީމަށް ކުރާ ޚަރަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މިގޮތުން، އެންމެ ފުރަތަމަ ބަޖެޓު ފާސްކުރިއިރު، އާސަންދައިން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވައިގެން، 730.9 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، ޚަރަދު ބޮޑުވުމުގެ ސަބަބުން މި ޚަރަދުވެސް ވަނީ 906.7 މިލިއަން ރުފިޔާ އިން ސަޕްލިމެންޓްކޮށްފައެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު އާސަންދައަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބަޖެޓް ނަތީޖާ ބަޔާނުގައި ބުނެފައިވެއެވެ.

އާސަންދައިގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުން ކުރާ ބޭސްފަރުވާގެ އެހީއަށް ކުރާ ޚަރަދު މިދިޔަ އަހަރު ވަނީ ވަރަށް ބޯޑަށް އިތުރުވެފައެވެ. މިގޮތުން ރާއްޖެއިން ކުރާ ބޭސްފަރުވާއަށް ދޭ ވެލްފެއަރގެ އެހީއަށް 75 މިލިއަން ރުފިޔާ ބަޖެޓުކުރިއިރު 203.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ކުރާ ބޭސްފަރުވާގެ އެހީއަށް 30.0 މިލިއަން ރުފިޔާ ބަޖެޓު ކުރިއިރު، އަހަރު ނިމުނުއިރު 90.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ބަޖެޓު ނަތީޖާ ބަޔާނުގައިވެއެވެ.

ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ޢާއްމުން އެންމެ ބޮޑަށް ބަރޯސާވަނީ، ބޭސްފަރުވާއަށް ދޫކުރާ ޤައުމީ އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައެވެ. އެހެންނަމަވެސް އާސަންދައާއި ގުޅޭކަންކަމުގައި ޢާއްމުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

މިގޮތުން އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި، ސަރުކާރުގެ ޚިދުމަތް ދޭ ތަންތަނުގެ އަގުގައި ހުރި ފަރަޤުގެ ވާހަކަތަކަކީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ. ހަމައެއާއެކު ޕްރައިވެޓް ހޮސްޕިޓަލުތަކުގައި ބޭސްފަރުވާއަށް، އާސަންދައިން ޚަރަދު ކެނޑުމަށްފަހުވެސް އަތުން ނަގަމުންދާ ފައިސާގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދިޔުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.

ގިނަ އަހަރުތަކުގައި ބަޖެޓުގެ ބޭރުން އިތުރު ގޮތްގޮތުން ފައިސާ ހަމަޖައްސައިގެންވެސް ބޭސްފަރުވާއަށް އާންމުން ބޭރަށް ފޮނުވާކަމަށް އާސަންދައިން ވިދާޅުވެއެވެ.