ޚަބަރު

މުޅި އާއިލާ ޝަހީދުވިއިރު، ސަލާމަތްވީ މަންމަގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅު އެކަނި


  • އެއީވެސް އެތައް ކުދިންނެއްގެ ތެރެއިން ދިރިއޮތް ފުރާނައެއް

  • ދުވަސް ނުފުރާ ވިހާފައި ތިބި ކުދިންތައް ސަލާމަތްކުރަން ބޭނުންވާ ފަރުވާއެއް ނެތް

  • ވެންޓިލޭޓަރުތައް މަސައްކަތްކުރަން ކަރަންޓް ނުލިބޭނަމަ ކުށެއް ނެތް ފުރާނަތަކެއް މަރުވާނެ

ޣައްޒާގައިި ތެލާއި، ފުރާނަ ސަލާމަތްކުރަން ބޭނުންވާ ފަރުވާ ނެތުމުގެ ސަބަބުން ދުވަސް ނުފުރާ ވިހާފައިވާ 130 ތުއްތު ކުދިންގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ ނިއޯނެޓަލް އިންސެންޓިވް ކެއަރ ޔުނިޓުގައި ކަޅުކަންގަދަ އިސްތަށިގަނޑެއް ލިބިފައިވާ މައުސޫމް ތުއްތު ކުއްޖެއް އެބައޮތެވެ. ފިޔާތޮށި ކުލައިގެ ޕްލާސްޓިކު ޓެގެއް އެކުއްޖާގެ ފައިގައި އަޅުވާފައިވާއިރު އެއީ "މަރްޔަމް އަލްހަރްޝްގެ ދަރިފުޅު" ކަމަށް ޓެގުގައި ޖަހާފައިވެއެވެ.

އެންމެ 10 ދުވަސްވެފައިވާ މި ތުއްތު ކުއްޖާ އަލް ޝިފާ ހޮސްޕިޓަލުގެ ނިއޯނެޓަލްގެ ހެޑް ޑރ. ނާޞިރު ބުލްބުލް ސިފަކުރީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ލިބުނު ކާމިޔާބީގެ ރަމްޒެއްގެގޮތުގައެވެ.

ބުލްބުލް ބުނިގޮތުގައި މި ތުއްތު ކުއްޖާއަކީ މި މަހުގެ 13 ވަނަ ދުވަހު ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުން ބޮޑެތި ޒަޙަމްތަކަކާއެކު އެ ހޮސްޕިޓަލަށް ގެނެވުނު މާބަނޑު އަންހެނެއްގެ ބަނޑުން ސަލާމަތްކުރި ކުއްޖެކެވެ.

"އެމީހުންގެ ގެއަށް ވަނީ ވައިގެ ހަމަލާއެއް ދީފައި، އެނާގެ ފިރިމީހާގެ އިތުރުން އާއިލާގެ 10 މެންބަރުން ހިމެނޭހެން އެންމެން ވަނީ ޝަހީދުވެފައި." ބުލްބުލް ބުންޏެވެ.

ބަނޑަށް 32 ހަފްތާ ވެފައިވާ އެ އަންހެން މިހާގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ސަލާމަތްކުރީ އެމަރޖެންސީކޮށް ސިޒޭރިއަންއެއް ހަދައިގެންނެވެ. އެ ތުއްތު ކުއްޖާ ބަނޑުން ނެގުނުއިރު އެކުއްޖާގެ ހިތުގެ ވިންދު ވަރަށް ބޮޑަށް ފަނޑުވަމުން ދިޔަކަމަށް ބުލްބުލް ބުންޏެވެ. އެއާއެކު އެކުއްޖާ ސަލާމަތްކުރުމަށް އަލްޝިފާ ހޮސްޕިޓަލަށް ގެނެސް އިތުރު 54 ކުއްޖަކާއެކު މެކޭނިކަލް ވެންޓިލޭޓަރަށް ލެވުނެވެ.

"އެ ކުއްޖާގެ ޙާލަތު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން." ޑރ. ބުލްބުލް ބުންޏެވެ.

"6 ދުވަސް ފަހުން އަހަރެމެން އެތުއްތު ކުއްޖާ ވެންޓިލޭޓަރުން ނެގިން. ނަމަވެސް 3 ދުވަސް ފަހުން އަހަރެމެންނަށް ފެނުނީ އެކުއްޖާގެ ސެރެބްރަލް އިސްކޭމިއާ ހުރިކަން. އެއީ ސިކުނޑިއަށް ލޭ ދައުރުވުން ދަށްވުމުގެ ސަބަބުން ލިބޭ ސީރިއަސް އަނިޔާއެއް. މިއީ ކުއްޖާ ދުނިޔެއަށް އުފަންވުމުގެ ކުރިން މަންމަ މަރުވުގެ ނަތީޖާއެއް." ބުލްބުލް ވަރަށް އަސަރާއެކު ކިޔައިދިނެވެ.


ގާތްތިމާގެ އެއްވެސް މީހެއް މި ތުއްތު ކުއްޖާ ބަލާ މިހާތަނަށް އައިސްފައި ނުވި ނަމަވެސް ބުލްބުލް އާއި އޭނާގެ ޓީމުން ދަނީ ތުއްތު ކުއްޖާ ރައްކާތެރިކަމާއެކު ބަލަހައްޓަމުންނެވެ.

"އެކުއްޖާ ޗެކް ކުރާ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް ލިބިގެންދަނީ ބަޔާންކުރަން ދަތި ވޭނެއް" ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވީ ގޮތުގެ ހިތާމަވެރި ހާދިސާ ސިފަކުރަމުން ޑޮކްޓަރ ބުލްބުލް ކިޔައިދިނެވެ.

ބުލްބުލް ބުނިގޮތުގައި އެ ތުއްތު ކުއްޖާ ދިރިހުރިހާ ހިނދަކު މި ބިރުވެރިކަމާއި ފަނާކަމުން ފުރިފައިވާ ދަނޑިވަޅުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެއެވެ. އަދި މި ނާމާންކަމުގެ ތެރޭގައިވެސް އެކުދިންނަށް ފަރުވާ ދެމުންދާއިރު އިތުރު ކެތްތެރިކަމެއްވެސް ލިބިގެންދާކަމަށް އޭނާ ފާހަގަކުރިއެވެ.

މިވަގުތު އަލް ޝިފާ ހޮސްޕިޓަލުގައި 10 ވެންޓިލޭޓަރު ހުރި ނަމަވެސް އޭގެ ތެރެއިން 7 ވެންޓިލޭޓަރުގެ މަސައްކަތް ހުރީ ހުއްޓިފައެވެ.

"މެކޭނިކަލް ވެންޓިލޭޓަރުތައް މަސައްކަތްކުރުމަށް ބޭނުންވާ ތެޔޮ ނުލިބޭނަމަ، މި ހުރިހާ ތުއްތު ފުރާނަތައް 5 މިނެޓް ތެރޭގައި މަރުވެދާނެ. ބުލްބުލް ބުންޏެވެ.

އަލް ޝިފާ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާފައިވާ 55 ތުއްތު ކުދިން ތިބިއިރު އެކުދިންގެ ބަރުދަން 2 ކިލޯއަށްވެސް ނާރައެވެ. އަދި މިއީ 37 ހަފްތާވެސް ނުފުރޭ ކުދިންތަކެކެވެ. އޭގެ ތެރެއިން އެއްކުއްޖަކަށް 26 ހަފްތާވީއިރު އެކުއްޖާގެ ބަރުދަނުގައި ހުރީ
އެންމެ 880 ގުރާމެވެ.

އާދިއްތަ ދުވަހު ޔުނިސެފްގެ ތަރުޖަމާނު ޖޮނަތަން ކްރިކްސް ބުނިގޮތުގައި މިހާރު ޣައްޒާގައި ދުވަސް ނުފުރާ ވިހާފައި ތިބި 120 ތުއްތު ކުދިންގެ ތެރެއިން މެކޭނިކަލް ވެންޓިލޭޓަރގައި ތިބީ ގާތްގަނޑަކަށް 70 ކުދިން ކަމަށެވެ.

އޭގެ އިތުރުން މެޑިކަލް އެއިޑް ފޯ ޕަލެސްޓައިން، އެމް.އޭ.ޕީގެ ސީ.އީ.އޯ މެލަނީ ވޯޑް ބުނިގޮތުގައި މި ތުއްތު ކުދިން ސަލާމަތް ކުރަން ފެއިލް ވެއްޖެނަމަ އެކުދިންނަށް އެ ހުށައެޅެނީ މަރުގެ ހުކުމެއް ކަމަށެވެ. އަދި އިސްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން މި ތުއްތު ކުދިން މަރުވެގެންދާކަން ދުނިޔެއަށް ދެއްކުމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ.

ތެލުގެ އިތުރުން ދެން އޮތް އެންމެ ބޮޑު މައްސަލައަކީ މި ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ އަސާސީ ފަރުވާ ނެތުމެވެ. މި ފަރުވާތަކަކީ އެކުދިން ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ފަރުވާތަކެއްކަމަށް އޭނާ ފާހަގަކުރިއެވެ. ބުލްބުކް ބުނިގޮތުގައި އިސްރާއިލުން ދެމުންދާ ޙަމަލާތަކަށް ވުރެ މި ތުއްތު ތުއްތު ފުރާނަތައް ސަލާމަތް ކުރަން ބޭނުންވާ ފަރުވާ ނެތުމުން ހިތުގައި އަޅާ ވޭން މާ ބޮޑުކަމަށެވެ.

އުފަންވާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި ދުވަސް ނުފުރާ ކުދިން ދިރިހުރުމަށް އަސާސީ ފަރުވާ ބޭނުންވާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ފަރުވާއަކީ ނޭވާލާ ނިޒާމުގެ ޑިސްޓްރެސް ސިންޑްރޯމް ކުޑަކުރުމަށް އެހީތެރިވެދޭ (ސިންތެޓިކް) ސަރފެކްޓެންޓް، ކަމަށް ބުލްބުލް ބުންޏެވެ.

އެއީ ފުރާނަ ސަލާމަތްކުރާ ފަރުވާއެއް ކަމަށާއި، އެއާ ނުލައި މެކޭނިކަލް ވެންޓިލޭޝަންއާ ގުޅޭ ކޮންޕްލިކޭޝަންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ތުއްތު ކުދިން އިންކިއުބޭޓަރުގައި ގިނައިރު ހޭދަކުރާނެ ކަމަށާއި، ބެކްޓީރިއަލް އިނފެކްޝަނެއް ޖެހި ފުރާނައަށް ނުރައްކާ ބޮޑުވާނެކަމަށް އޭނާ ފާހަގަކުރިއެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ނިއޯނެޓަލް ޔުނިޓް ހިންގަމުންދަނީ 4 ޑޮކްޓަރުންނެވެ. ނަމަވެސް އޭގެ ތެރެއިން 3 ޑޮކްޓަރުން ތިބީ ޣައްޒާގެ ހުޅަނގުގައި ކަމަށްވުމުން އިސްރޭލުން ދީފައިވާ ހަމަލާތަކުގައި މަގުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެމީހުން ތިބީ ހޮސްޕިޓަލަށް ނާދެވިފައިކަމަށް ބުލްބުލް ބުންޏެވެ.

އިސްރާއިލުން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި އިތުރު 1500 މީހުން ގެއްލިފައިވާއިރު އޭގެ ތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ.