ޚަބަރު

ނޫސްވެރިޔާ ދަހްދޫހްގެ އަނބިމީހާއާއި ދަރިންތައް ޝަހީދުކޮށްލައިފި، އާއިލާގެ އެހެން މީހުން ޢިމާރާތުގެ ދަށުގައި


  • އަލްޖަޒީީރާގެ ބިއުރޯގެ ވެރިޔާގެ އާއިލާގެ އެތައް ބައެއް ވަނީ ޝަހިދުކޮށްލާފައި

  • ޣައްޒާ ދޫކޮށްފައި ދިޔުމުގެ ޚިޔާލެއް ނެތްކަމަށް އޭނާ ބުނި

  • ދެމުންދާ ހަމަލާތައް ދުނިޔެއަށް ހާމަކުރުމުގައި ދެމިހުންނާނެ ކަމަށް އޭނާ ބުނި

އިސްރާއިލުން ފަލަސްޠީނަށް ދިން ވަރުގަދަ ހަމަލާއެއްގައި އަލްޖަޒީީރާގެ ޣައްޒާ ބިއުރޯގެ ވެރިޔާ އަދި ނޫސްވެރިޔާ ވައެލް ދަހްދޫހްގެ އާއިލާގެ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. މި ހަމަލާގައި ޝަހީދުވެފައިވަނީ އޭނާގެ އަނބިމީހާއާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅުވެ.

ބުދަ ދުވަހު މޯޗަރީގައި ތިބި މަރުވެފައިވާ އަނބިމީހާއާއި، ފިރިހެން ދަރިފުޅުގެ އިތުރުން އަންހެން ދަރިފުޅު ދެކިލުމަށް އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދަހްދޫހް ވަދެގެންދާ މަންޒަރު އަލްޖަޒީރާއިން ދެއްކި ފޫޓޭޖްތަކުން ފެނެއެވެ. ބައްޕަ ފަދައިން ނޫސްވެރިއަކަށް ވާންބޭނުންވި 15 އަހަރުގެ ދަރިފުޅު މަޙްމޫދުގެ މޫނުގައި ދަހްދޫހް އަތްކާތަމުން ދިޔަ ހިތްދަތި މަންޒަރު އެ ފޫޓޭޖުން ފެނިގެން ދެއެވެ. މިއީ ބައްޕައަކު ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. ތިމާ މަރުވުމުގެ ކުރިން އަމިއްލަ ދަރިފުޅު މަރުވެފައިިވާ މަންޒަރު ބަލަން އެއްވެސް މީހަކަށް ކެތެއް ނުވާނެއެވެ. މަންޒަރު ދުށް މީހަކަށް އެ ބައްޕަ ހުރި ހާލަތު ފެނި ނުރޮވި ނުދާނެއެވެ. އެހާވެސް ދަހްދޫހް ހުރީ ހިތްދަތިވެ މާޔޫސްވެ ގޮތްހުސްވެފައެވެ.

އޭގެ ފަހުން ފޫޓޭޖުތަކުން ފެނިގެންދަނީ ދަހްދޫހް، އޭނާގެ ޝަމް ނަމަކަށް ކިޔާ 7 އަހަރުގެ އަންހެން ދަރިފުޅުގެ ކަފުން ކޮށްފައިވާ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރެ ރޮމުންދާ މަންޒަރެވެ. އެ ދަރިފުޅު މަރުވެގެން އެދިޔައީ ނޫސެރިއާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ ސަބަބުންނެވެ. މިއީ ބައްޕައަކަށް ދެވޭނެ ހާދަ ބޮޑު އަނިޔާއެކެވެ. މިފަދަ މަންޒަރުތަކުން ފެނިގެންދަނީ ހައްދުފަހަނަ އަޅާފައިވާ އިސްރާޢީލު ޔަހޫދީންގެ ލާއިންސާނީކަން އިންތިހާއަށް ގޮސްފައިވާކަމެވެ.

ދަހްދޫހް ބުނީ މިއީ ކުޑަކުދިންނާއި، އަންހެނުންނާއި ޢާންމުންނަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާއެއް ކަމަށެވެ. އަދި ޔަރްމޫކުންވެސް މިފަދަ ހަމަލާއެއް ރިޕޯޓުކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އިސްރާއިލުންގެ ރެއިޑްތައް އަމާޒުކޮށްފައިވަނީ ނޫސެއިރާތު ހިމެނޭގޮތައް އެކި ސަރަހައްދުތަކަށް ކަމަށް އެނާ ބުންޏެވެ.

"އިސްރާއިލުގެ އިސްތިއުމާރުން މި މީމީހުންނަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމާމެދު އަހަރެމެން ޝައްކު އުފެދުނު. އަދި ހިތާމައަކީ މިގޮތައް ކަންހިނގައި ދިޔަކަން." ދަހްދޫހް ހިތްދަތިކަމާއެކު ފެންކަޅިވެފައި ބުންޏެވެ.

ހަމަލާގައި ބިމާހަމަވެފައިވާ ގޭގެ ތެރެއަށް ގެއްލިފައިވާ ދަހްދޫހްގެ އާއިލާގެ ބާކީތިބި މީހުން ހޯދުމުގެ އޮޕަރޭޝަންތައް އަންނަނީ ކުރަމުންނެވެ.

ޣައްޒާއިން ވާހަކަދަައްކަމުން އަލްޖަޒީރާގެ ނޫސްވެރިޔާ ޔުމްނާ އެލް ސައިދް ބުނީ ދަހްދޫހްގެ އާއިލާއާ ބެހޭގޮތުން ރިޕޯޓުކުރުމާއި އޭނާގެ ހިތް ފަޅައިގެން ގޮސްފައިވާތަން ފެނުމަކީ ބަލަން ވަރަށް ހިތްދަތިކަމެއް ކަމަށެވެ.

"އެނާ އަބަދުވެސް އެންމެންނަށް ހިތްވަރުދިން. އަޅުގަނޑުމެންނާއި ވާހަކަ ދައްކަނީ ހަމައެކަނި ބިއުރޯ ޗީފެއްގެ ގޮތުގައެއްނޫން. އެހާވެސް ގާތްކޮށް އޭނާ ވާހަކަދައްކާނީ. އަހަރެމެން އޭނާ ދެކެނީ ބޮޑުބޭބެއެއް ފަދައިން“ ޔުމްނާ ބުންޏެވެ.

ޔުމްނާ ބުނީ ދަހްދޫހް ޣައްޒާ ސިޓީ ދޫކޮށް ނުދާކަމަށެވެ. ހުރިހާ އިންޒާރުތަކާއި އެކުވެސް ޖެހިޖެހިގެން 19 ދުވަސް ވަންދެއް އޭނާ މަޑުކޮށްލައިގެން ހުރިކަމަށެވެ. ދަހްދޫހް ބުނީ ކޮންމެ ދުވަހަކު ބޮން އަޅަމުންދާއިރު މި ވާހަކަތައް ދުނިޔެއަށް ހާމަކުރުމަށް ރިޕޯޓުކުރަން ޣައްޒާ ސިޓީގައި އެނާ ހުންނާނެ ކަމަށެވެ.

ދަހްދޫހް އެނާގެ ގައުމުގެ މީހުން ދޫކޮށެއް ނުލައެވެ. އެމީހުން ދޫކޮށްލާފަ ފަސްއެނބުރި ދިއުމުގެ ވިސްނުމެއް ނެތެވެ. އާއިލާގެ އެތައް ބަޔަކު ދުނިޔެއާއި އަލްވަދާއު ކިޔެއް ކަމަކު އޭނާގެ ވިސްނުން ހުރީ މި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނަންދެން މެދުކެނޑުމެއްނެތި އެތަނުގައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށެވެ. އަމިއްލަ ފަސްގަނޑަށް އެހެން ބަޔަކު އަތްގަދަކޮށް އެތައް ހަމަލާއެއްދީ، އެތައް ބަޔަކު ޝަހީދުކޮށްލައި، ގެތައް ސުންނާފަތިކޮށް ހަދަމުންދާ މަންޒަރު ބަލަން އޭނާއަކަށް ކުޅަދާނައެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ދަހްދޫހް ޣައްޒާގެ ބިން ދޫކޮށެއް ނުދާނެއެވެ.