ޚަބަރު

ބަޖެޓް 2024 : މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ


  • އަންނަ އަހަރަށް ހުށަހައަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 11.9 ބިލިއަން ކަނޑައެޅި

  • މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއްކުރާ އެއްދާއިރާކަމަށް ކަނޑައަޅަފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ އެ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން މުސާރައިގައި ހުރި ފަރަގުތައް ކުޑަކޮށް، ޕޭ ހާމަނައިޒްކުރުން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ތަންފީޒްކުރުމަށް ސަރުކާރުން ރާވާފައިވަނީ ދައުލަތުގެ ބަޖެޓަށް އެއްފަހަރާ ބުރަ ބޮޑުނުވާގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިދިޔަ އަހަރު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާއިރު، މިއަހަރުގެ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވަނީ ބޮޑުކޮށްފައެވެ.

އަދި ސަރުކާރުންވަނީ އަންނަ އަހަރުތެރޭވެސް އިތުރު ދާއިރާތަކެއްގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައެވެ. އެގޮތުން އަންނަ އަހަރު އިތުރު ދާއިރާތަކެއްގެ ޕޭ އެއްހަމަކުރުމަށް ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 500 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ.

އަދި ޕޭ ހަމަނައިޒްކުރުމަށް ބަޖެޓުން ޖާގަ ލިބޭގޮތަށް، 2025ވަނަ އަހަރާއި 2026ގައިވެސް އިތުރު ޚަރަދު ހިމަނާފައިވާނެ ކަމަށާއި، 2026ވަނަ އަހަރު މުޅި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް ނިމޭނެ ކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ސަރުކާރުންދަނީ ސަލާމަތީ ޚިދުމަތްތާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި, މިނިވަން މުއައްސަސާތަކުގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގަނައުމުގެ މަސައްކަތް ކުރަމުންނެވެ.

ފާއިތުވީ އަހަރުތަކުގައި ގާނޫނުތަކަށް އައި ބަދަލުތަކާއި، އަލަށް ފަށާ ޕްރޮގްރާމުތަކާއި މަޝްރޫޢުތަކުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންގެ ޢަދަދު އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.. މިގޮތުން ފާއިތުވީ އަހަރުތަކުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތަކެއް ނިމި، އަލަށް ހުޅުވާ އެއަރޕޯޓްފަދަ މަޝްރޫޢުތަކުގެ ސަބަބުންވެސް ދައުލަތުގެ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައިކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

އަންނަ އަހަރު މި ޚަރަދުތަކަށް 11.9 ބިލިއަން ރުފިޔާ ހިނގާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ. މި ޚަރަދުގެ އެންމެ ބޮޑު ހިއްސާއަކީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާނެކަމަށް ބެލެވޭ ދާއިރާއަކީވެސް ތަޢުލީމީ ދާއިރާއެވެ.