ސިޔާސީ

މުޢިއްޒުގެ ސަރުކާރުން ވަގުތު ބޭކާރުނުކޮށް، އަވަސް ބަދަލުތަކެއް ގެންނާނެ: ޢަބްދުއްރަޙީމް


  • ޤައުމުގެ މައްސަލަތައް ހައްލުކުރުމަށް ފުރިހަމައަށް ތައްޔާރުކަމަށް

  • ފުރަތަމަ ދުވަހުން ވަޢޫދުތައް ފުއްދަށް ފަށްޓަވާނެ

  • ދުރާލާ ޕްލޭންތައް ހަދާ ތައްޔާރުވެގެން މަސައްކަތް ފަށްޓަވާނެކަމަށް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ޕްލޭންތައް ހެދުމުގައި ދުވަސްތައް ބޭކާރު ނުކުރާނެ ސަރުކާރަކަށްކަމަށާއި، އެމަނިކުފާނަކީ ދުރާލާ ކަންކަމަށް ތައްޔާރުވެގެން މަސައްކަތް ކުރައްވާ ލީޑަރެއްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިޔާސަތަކާއި ގުޅޭގޮތުން ގެނެސްދޭ "ދިވެހިންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ޤައުމުގެ ހާލަތު ދެނެގަނެ އެކަން ހައްލުކުރުމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެންކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހައްލުކުރުމުގެ މަސައްކަތްތަކާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ފަށްޓަވާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ރައްޔިތުންނާ ފެނިގެންދާނީ ވަރަށް އަވަހަށް ބަދަލުތައް ގެންނަ ސަރުކާރެއްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ނޮވެމްބަރު 17ގައި ހުވާކުރުމާއެކު ޖެހިގެން އަންނަ ދުވަހު މަސައްކަތް ފެށޭ ވަރަށް ތައްޔާރަށް ތިބިކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ ސަރުކާރު ވެގެންދާނީ ޕްލޭންތައް ހެދުމުގައި ދުވަސްތައް ބޭކާރު ކުރާނެ ސަރުކާރަކަށް ނޫންކަމަށެވެ. އަދި ޑރ. މުއިއްޒުއަކީ ދުރާލާ ކަންކަމަށް ތައްޔާރުވެގެން މަސައްކަތް ކުރައްވާ ލީޑަރެއްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން އެއްވެސް ރަށެއް ބޭކާރުނުކޮށް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހިމަނައިގެން އެކަން ހާސިލްކުރުމަށް މަސައްކަތް ފަށްޓަވާނެކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ޑރ. މުޢިއްޒުއަކީ ކޮންމެ ކަމެއްވެސް ހަމަ " އޭ ޓޫ ޒެޑް" އަށް ޕްލޭންކޮށްގެން ކަންތައް ކުރައްވާ ބޭފުޅެއް. އެހެންވީމަ އެމަނިކުފާނުގެ ކެބިނެޓަށް ގެންނަވާނެކަމަށް އެ ވިދާޅުވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ޤާބިލް ހީވާގި ބޭފުޅުން. ފުރަތަމަ ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ ނަތީޖާ ފެންނަން ފަށާނެ. ވައުދު ފުއްދާކަށް ނުހުންނާނެ ދައުރު ދެބައިވަންދެން. ފުރަތަމަ ދުވަހު ވައުދު ފުއްދެވުމުގެ މަސައްކަތް ފަށްޓަވާނެ. 100 ދުވަހުގެ ޕްލޭނެއް އެކުަލަވާލާ އެއަށް މަސައްކަތް ކުރަން ފަށްޓަވާނެ. އޭގަ ހުންނާނެ ކޮންމެ ރަށަކަށްވެސް އިސްކަންދީގެން ފުރަތަމަ 100 ދުވަހު ހާސިލްކުރާނެ ކަންތައްތަކެއް. އެކަންތައްތައް ހާސިލް ކުރުމުގެ މަސައްކަތް ފަށްޓަވާނެ." ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.

އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވަނީ މިހާތަނަށް ބެލިބެލުމުން ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑެތި މައްސަލަތަށް ފާހަގަވެފައިވަނީ ފެނަކައިންކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ ބޭނުމަށް ފެނަކައިން ގިނަ ވަޒީފާތަކެއް އުފައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރު ނިމުނުއިރު ފެނަކައިގައި 2600 އެއްހާ މުވައްޒަފުން ތިބިނަމަވެސް މިއަދު އެ ކުންފުނީގައި 8000އެއްހާ މުވައްޒަފުންތިބިކަމަށެވެ.

"މިސާލަކަށް ހާހެއްހާ މީހުން ދިިރިއުޅޭ ރަށެއްގައި 60 ފެނަކަ މުވައްޒަފުން ތިބޭ ރަށްރަށް އެބަހުރި. އަދި އެމީހުން އޮފީހަށް ނުކުންނާކަށް ޖެހެނީކީ ނޫން. ނުކުމެ ކުރާނެ މަސައްކަތެއް އޮތީކީ ނޫން. ސިޔާސީ ބޭނުމަށްޓަކައި މަޤާމްތައް އުފެއްދުމުގެ ނަތީޖާއަކަށް ވީ އެތަނުގެ ޚަރަދު ދެކޮޅު ނުޖެހި ދަރަނިވެރިވާން ދިމާވުން. ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެތަން ނަގާ ކޮޅަށް ޖެހުމަށް. އެހެންނަމަވެސް އަޅުގަނޑުމެންގެ ޓީމުން ގޮތްތަކެއް ހޯދައިގެން އެކަން ކުރާނަން." ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކަށް މި ސަރުކާރުގެ އެއްބާރުލުން ލިބުނުކަމަށެވެ. އަދި މިހާރު ރިޕޯޓްތައް އެކުލަވާލާފައިވާކަމަށާއި ފެނަކައާއި އިތުރުއިތުރު ކުންފުނިތަކުގެ މައްސަލަތައް ފާހަގަކޮށް، އޮޑިޓް ހެދުމަށް އޮޑިޓް އޮފީހުގައި އެދިފައިވާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.