ހަތަރު ރަށެއްގެ ކައުންސިލްގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަންނަ މަހު ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރަކު އައްޔަން ކުރުމަށާއި އދ. ހަންޏާމީދޫއާއި ނ. މާފަރު ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުކަމަށެވެ. އަދި އަންނަ މަހު ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 4 ރަށުގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16ވާ ހޮނިހިރު ދުވަހުގައިކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށްކަމަށް ޙަބިބު ވިދާޅުވިއެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ އަންނަ މަހުގެ 18 ވާ ހޯމަ ދުވަހުގައިކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހު 4 ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.