ޚަބަރު

އަމާޒަކީ ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށް އިޤްތިޞާދަށް ދިރުން ގެނުވުން: ސަޢީދު


  • ޔޫސަބަލް ރިސަރވް ވަނީ 30 މިލިއަން ޑޮލަރަށް ވެއްޓިފައި

  • ނެގެޓިވް ރިސަރވްއަކަށް ރާއްޖެ ދިއުމުގެ ބިރު އެބައޮތް

  • ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށް ފައިދާ ނެރުމަކީ އައު ސަރުކާރުގެ އަމާޒު

  • ޕްރޯ-މޯލްޑިވްސް ސިޔާސަތު މުޅި ދުނިޔެއަށް މަޤުބޫލުކޮށް ޤައުމުތަކާ ގުޅުން ރަނގަޅުކުރާނެ

"ޕްރޯ-މޯލްޑިވްސް" ސިޔާސަތާއެކު އައު ސަރުކާރުގެ އަމާޒަކީ ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ރަނގަޅުކޮށް ދިވެހިން އެދޭ ތަރައްޤީ ގެނެސްދެއްވުންކަމަށް ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ސައީދު ވަނީ މިވަގުތު ޤައުމުގެ ޙާލަތު އޮތްގޮތުން ޤައުމަށް އެންމެ ފައިދާހުރީ ދިވެހިންގެ އަމިއްލަ މިނިވަންކަމާއި، މަސްލަޙަތަށް އިސްކަންދޭ، ޚާރިޖީ ސިޔާސަތަކާއެކު ކުރިއަށްދިއުންކަމަށެވެ. އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ އެމަގުން ރައްޔިތުންގެ މަސްލަޙަތު ކުރިއަށްނެރި ނަތީޖާ ދައްކާނެ ސަރުކާރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސަޢީދު ވިދާޅުވީ، މިމަހު 17 ގައި އައު ސަރުކާރު ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާއިރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ދައްޗަށްކަށް ވެގެންދާނީ ރާއްޖޭގެ ޔޫސަބަލް ރިސަރވް ދަށްވެ، ދަރަނި އިންތިހާއަށް އިތުރުވުންކަމަށެވެ. އެގޮތުން 90 މިލިއަން ޑޮލަރުގައި ކުރިން ހުރި ދައުލަތުގެ ޔޫސަބަލް ރިސަރވް މިހާރު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ޙާލަތެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

"އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރައްވާ ހިސާބަށްދާއިރުގައި، ވަރަށް ނުރައްކާތެރި ޙާލަތަކަށް ޤައުމުގެ އިޤްތިޞާދީ ގޮށްސައި އެއޮތީ. ނެގެޓިވް ރިސަރވަކަށް ދިއުމުގެ ބިރުވެރިކަން އެބައޮތް ރާއްޖެއަށް. މާނައަކީ ޑރ. މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަންނަވަނީ ވަރަށް ދަތި އުނދަގޫ ހިސާބަކަށް ޤައުމު ވަށްޓާލާފައި އޮއްވައޭ. އެ އެހުރީ ފިގާސްއިން ފައިސާއިން ފެންނަން. އެ ޙާލަތުން ޤައުމު ސަލާމަތްކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތް ވެގެންދާނީ ވަރަށް ވަރުގަދަ ޤައުމީ މަސައްކަތްޕުޅަކަށް." ސަޢީދު ވިދާޅުވިއެވެ.

މުޙައްމަދު ސަޢީދު ވިދާޅުވީ، ދަޢުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެ، އިޤްތިޞާދު މިހާރު ވެއްޓިފައިއޮތް ޙާލަތުން އަރައިގަތުން ވެގެންދާނީ އައު ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖަށްކަމަށެވެ.

އެގޮތުން އިޤްތިޞާދީ ދުވެލި މިހާރަށްވުރެ ބާރަށް ކުރިއަށްގެންދިއުމަށްޓަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްގެންދިއުން މުހިންމުކަން ސަޢީދު ފާހަގަކުރެއްވިއެވެ. އަދި އެޓްރެކްޓިވް ރޭޓުތަކެއްގައި ރާއްޖެއަށް ލޯނުދޭނެ ބޭންކުތައް ތަޢާރަފުކޮށް، ރާއްޖޭގެ ފައިނޭންޝަލް މާކެޓަށް އޮތް އިތުބާރު އަލުން އަނބުރާ ގެންނަންޖެހޭކަމަށް ސަޢީދު ވިދާޅުވިއެވެ. ހަމައެހެންމެ ދަޢުލަތުގެ ދަރަނި މެނޭޖްކޮށް ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

މިކަންކަން ޙާޞިލުކުރުމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ “ޕްރޯ-މޯލްޑިވްސް” ޚާރިޖީ ސިޔާސަތު މުހިންމު ދައުރެއް އަދާކުރާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

“ޕްރޯ-މޯލްޑިވްސް ސިޔާސަތު ދުނިޔެއަށް ތަޢާރަފުކޮށް ދުނިޔެއަށް ވިއްކުމާއި، ދުނިޔޭގެ ތަރައްޤީގެ އެކި ބައްރުތަކުން އިރުމަތިންނާއި، ގާތުން އަދި ހުޅަނގުންވެސް މި ޤައުމަށް ތަރައްޤީގެ، ވިޔަފާރީގެ ކުރިއެރުން ގެނެސްދޭނެ އިންވެސްޓްމަންޓްތަކާއި އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލި ބާރުކުރުވާނެ ކަންކަމަށް ބާރުދޭ ހުރިހާ ޕާޓްނަރުންނާއި އެއްކޮށް މަސައްކަތްކުރާނެ ސަރުކާރަކަށް އިރާދަކުރެއްވިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނެ” ސަޢީދު ވިދާޅުވިއެވެ.

ޕީ.އެން.ސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އަލަށް ޙަވާލުވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ހުރިހާ ޤައުމަކަށްވެސް އިޙްތިރާމްކުރާ، އަދި ދިވެހީންގެ ތަރައްޤީއާއި އަމިއްލަވަންތަކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކާ ގުޅިގެން މަސައްކަތްކުރާނެ ސަރުކާރަކަށްކަމަށެވެ. އަދި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދަޢުލަތެއްކަމަށާއި، ޑރ. މުޢިއްޒުގެ “ޕްރޯ-މޯލްޑިވްސް” ސިޔާސަތުގެ އަމާޒުތަކާއި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފައިވަނީ އެމަގުންކަމަށް ސަޢީދު ވިދާޅުވިއެވެ.