ޚަބަރު

އައު ކްލާސްރޫމް ޢިމާރާތާއެކު އިހައްދޫ ސްކޫލުވެސް އެއް ދަންފަޅިއަށް


  • ސްކޫލުުގެ އާބާދީ ގާތްގަނޑަކަށް 400 އަށް އަރާ

  • 6 ކްލާސް ރޫމް ޢިމާރާތައް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި

  • މިހާރު ކިޔަވައިދޭން 21 ކްލާސްރޫމް އެބަހުރި

  • ސްކޫލްތަކަށް އިތުރުކުރެވޭ ޖާގައާއެކު އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް އިތުރުވެއްޖެ

އައު ކްލާސްރޫމް ޢިމާރާތް ބޭނުންކުރަން ފެށުމާއެކު އިހައްދޫ ސްކޫލުގެ ކިޔެވުންވެސް އެއް ދަންފަޅިއަށް ބަދަލުކޮށްފިއެވެ.

ލ. ގަން އިހައްދޫ ސްކޫލުގެ 6 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ނިންމާ، އެތަން ބޭނުންކުރަން ފަށާފައިވަނީ އިއްޔެއެވެ. މި ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރެވެ. މިއާއެކު އެ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަނީ ހެނދުނު 7:10 އިން މެންދުރު 12:25 އަށް އެއް ދަންފަޅިއަށެވެ.

އިހައްދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް 6 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް އެޑިޔުކޭޝަނުން ބަޔަކާ ޙަވާލުކޮށްފައިވަނީ 9 ޑިސެމްބަރު 2021 ގައެވެ. މި މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ވެޒްނާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މިއީ ގާތްގަނޑަކަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

އަލަށް އިތުރުކުރެވުނު 6 ކްލާސްރޫމާއެކު އިހައްދޫ ސްކޫލުގައި މިހާރު ކިޔަވައިދިނުމަށް ޖުމްލަ 21 ކްލާސްރޫމް އަންނަނީ ބޭނުންކުރަމުންނެވެ. ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ މި ސްކޫލުގެ އާބާދީ ގާތްގަނޑަކަށް 400 އަށް އަރައެވެ.

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން އަންނަނީ ހިންގަވަމުންނެވެ. މީގެ ތެރޭގައި ކްލާސްރޫމް ޢިމާރާތްތަކާއި މަލްޓި-ޕަރޕަސް ހޯލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

މި މަޝްރޫޢުތައް ނިމެމުންދާވަރަކަށް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ޢަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސަރުކާރުން ހިންގާ 216 ސްކޫލުގެ ތެރެއިން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ޢަދަދު މިހާރު 150 އަށްވުރެ މައްޗަށް އަރައެވެ.