ޚަބަރު

ވިނަރެސް ފްލެޓް ގަތުމަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލައި


  • އަލުން ފުރުޞަތު ހުޅުވާލީ އެކި ސަބަބުތަކާހުރެ ނުވިކި ހުރި ފްލެޓަށް

  • ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އިއުލާނު ކުރާނެ

  • ޓެކްނިކަލް މައްސަލައާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބުނު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން މިގޮތަށް ނިންމާފައިވަނީ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހޯމަ ދުވަހު އޮންލައިން ޕޯޓަލް ހުޅުވާލުމުން ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެންނެވެ.

ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ފްލެޓްތައް ވިކި ހުސްވެފައެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އޮންލައިން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވިއެވެ. މިކަމާ ގުޅިގެން އެޗް.ޑީ.ސީން ބުނީ ޓެކްނިކަލް މައްސަލަތަކާއި ގުޅޭ ގޮތުން އެ ކޯޕަރޭޝަނަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

މި ޝަކުވާތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ފްލެޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ ވަނީ މަޑުޖައްސާލާފައެވެ. އެޗް.ޑީ.ސީން ބުނީ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު ވިނަރެސް މަޝްރޫއުއިން ފްލެޓް ގަތުމުގެ ފުރުޞަތު ހުޅުވާލާނެ ތާރީޚެއް އިޢުލާނު ކުރާނެ ކަމަށެވެ.

ވިނަރެސްގެ ފްލެޓްތަކުގެ ތެރެއިން ގަތުމަށް ހުޅުވާލީ ނުވިކި ހުރި 123 ފްލެޓެވެ. އެޗް.ޑީ.ސީގެ ޕޯޓަލްގެ ތެރެއިން ފުރުޞަތު ހުޅުވާލީ، ވިނަރެސްގެ ނުވިކި ހުރި ސްލޮޓްތައް އެނގޭނެގޮތަށް، އެފްލެޓް ނަންބަރެއް ޚިޔާރުކޮށް ފޯމު ހުށައެޅޭގޮތަށެވެ.

ވިނަރެސްގައި އަލުން ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކުމަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިޚްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިޚްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށްލުމުން ނުވިކިހުރި ޔުނިޓްތަކަށްކަމަށެވެ. އެފަރާތްތަކަށް މި މަރުހަލާތައް ފުރިހަމަކުރުމަށް ދިން ހުރިހާ މުއްދަތެއް، ނިމުނު އޮކްޓޯބަރުމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. މީއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީ އާއްމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ފައިސާ ދެއްކުމުގެ ގޮތްތައް ހަމަޖައްސާ ގިނަ ފަރާތްތަކުން އެގްރިމެންޓް ހަދާ، މިހާރު ވަނީ އެފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ. އަދި ވިނަރެސްގެ ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މިފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ސަރުކާރުން ވަނީ، ވިނަރެސް ފްލެޓަށް ފައިސާ ދެއްކުމުގެ އިންޓްރެސްޓް ރޭޓް %9 އިން %6 އަށް ކުޑަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށެވެ.