ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 7.5 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައިނުވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ނެރެފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް ލިބެންޖެހޭ 7.5 ބިލިއަން ރުފިޔާގެ ތެރެއިން 4.3 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 3.1 ބިލިއަން ރުފިޔާވެސް ނުލިބޭކަމަށް މީރާއިން ހާމަކުރެއެވެ.
އިންކަމް ޓެކްސް – 834 މިލިއަން ރުފިޔާ
ޓީ.ޖީ.އެސް.ޓީ – 876 މިލިއަން ރުފިޔާ
ޖީ.ޖީ.އެސް.ޓީ – 1.8 ބިލިއަން ރުފިޔާ
އެހެނިހެން ޓެކްސް – 794 މިލިއަން ރުފިޔާ
ޖުމްލަ – 4.3 ބިލިއަން ރުފިޔާ
ރިސޯޓުތަކުގެ ކުލި – 2.9 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީ (އެހެނިހެން) – 169 މިލިއަން ރުފިޔާ
ޖުމްލަ - 3.1 ބިލިއަން ރުފިޔާ
ޓެކުހުގެގޮތުގައި ނުލިބިހުރި ފައިސާ – 1.1 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީން ނުލިބިހުރި ފައިސާ – 92 މިލިއަން ރުފިޔާ
ޖުމްލަ - 1.2 ބިލިއަން ރުފިޔާ
ތިންވަނަ ކުއާޓަރުގައި 1117 މައްސަލައެއްގައި މީރާއިން ވަނީ ޖޫރިމަނާ މާފްކޮށްދީފައެވެ. އެގޮތުން މާފްކޮށްދިން ޖޫރިމަނާގެ ޖުމްލަ އަދަދު 28 މިލިއަން ރުފިޔާއަށް އަރައެވެ.
ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، މީރާއިން ދަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މީރާއިން ދަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، އެފަދަ ބައެއް މައްސަލަތައް ކޯޓަށްވެސް ހުށަހަޅަމުންނެވެ. އަދި މިގޮތަށް ކުރެވުނު މަސައްކަތުން މިދިޔަ ކުއާޓަރުގައި މީރާއިން ވަނީ 231.5 މިލިއަން ރުފިޔާ ހޯދާފައެވެ.