ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވައިފިއެވެ.
ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް ގިނަފަރާތްތަކަކުން އެދެމުންގެންދާތީ 10 ނޮވެންބަރުގެ 23:59 އަށް ޝަކުވާހުށަހެޅުމުގެ މުއްދަތު މިހާރު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.
"ގެދޮރުވެރިޔާ' ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ. މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މިފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނަމުންދަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ދަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ.