ރިޕޯޓް

ރާއްޖެ - މެލޭޝިޔާ: ޒަމާންވީ ދެ އެކުވެރިން


މެލޭޝިޔާއަކީ ރާއްޖޭގެ އެކުވެރި ރަޙުމަތްތެރި ޤައުމުތަކުގެ ތެރެއިން އެއްގޮތެއްގައި ގުޅުން ދަމަހައްޓަމުން އަންނަ އެއްޤައުމެކެވެ. ދިވެހިރާއްޖެއަކީ މުސްލިމް ޤައުމަކަށްވެފައި އަދި މެލޭޝިޔާއަކީވެސް އިސްލާމުން އަޣުލަބިއްޔަތު އޮންނަ އަދި އިސްލާމީ ސަރުކާރެއް އޮންނަ ޤައުމަކަށްވުމާއި ދެ ޤައުމު ޙިއްޞާކުރާ އެއްގޮތް އާދަކާދަތައް ހުރި ދެޤައުމެވެ. މެލޭޝިޔާއަކީ، 1968 ން ފެށިގެން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށް އެ ގުޅުން ދަމަހައްޓަމުން އަންނަ ޤައުމެކެވެ.

ދުނިޔެ ބަވަނަވުމުގެ ތެރެއިންނާއި ދިވެހިން މަތީތަޢުލީމް ޙާޞިލްކުރުމާއި ވިޔަފާރި ފުޅާވުމުގެ ތެރެއިން ރާއްޖެއާއި މެލޭޝިޔާގެ ގާތްކަން ފަހަކަށް އައިސް ވަނީ އިތުރަށް ބަދަހިވެ ގާތްވެފައެވެ. ދިވެހިންގެ ގިނަ ބަޔަކު މަތީ ތަޢުލީމް ޙާޞިލްކުރާ އެއް ޤައުމަކީ މެލޭޝިޔާއެވެ. މިހާރުވެސް ރާއްޖޭގެ އެތައް ސަތޭކަ ދަރިވަރުން މެލޭޝިޔާގައި އަންނަނީ މަތީ ތަޢުލީމް ޙާޞިލްކުރަމުންނެވެ. މެލެޝިޔާގައި ދިވެހިން މަތީ ތަޢުލީމް ޙާސިލްކުރާ ދާއިރާތަކުގެ ތެރޭގައި ހިންގުމުގެ ޢިލްމާއި ވިޔަފާރިއާއި ސައިންސާއި އަދި ސިޔާސީ ދާއިރާ ހިމެނެއެވެ. މީގެ އިތުރަށް ދީނީ ޢިލްމުގެ ރޮނގުންވެސް ދިވެހިން މެލެޝިޔާގައި ޢިލްމު ޙާޞިލްކުރެއެވެ. ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމް ފެށުމާއި ފުޅާކުރުމުގައި މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ ބައިވެރިވުމާއި ފަންނީ އެހީތެރިކަން ރާއްޖޭގެ އަމިއްލަ ފަރާތްތަކާއި ސަރުކާރުންވެސް ވަނީ ހޯއްދަވާފައެވެ.

img:http://s3.psmnews.mv/images/660x400/14591842731408.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މެލޭޝިޔާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ގާޑް އޮގް އޮނާއެއް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

އިންސާނީ ތަރައްޤީގެ އިތުރަށް ވިޔަފާރީގެ ދާއިރާއިން ބަލާއިރު، މެލޭޝިޔާ ހިމެނިފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރާ ނިސްބަތް އިތުރުވަމުން އަންނަ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ދިވެހިރާއްޖެ ތަރައްޤީގައިވެސް މެލޭޝިޔާއަކީ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް މެލޭޝިޔާއިން ވަނީ އެހީދީފައެވެ. މިފަދަ އެހީގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ އެއް އެހީއަކީ، މާލޭގައި 1984 ގައި ހުޅުވުނު އިސްލާމީ މަރުކަޒު ބިނާކުރުމަށް އެ ޤައުމުން ވެދިން ދީލަތި އެހީއެވެ.

img:http://s1.psmnews.mv/images/660x400/14591844476779.jpg|ރައީސް މައުމޫން އަބްދުލް ޤައްޔޫމް 1981 ވަނަ އަހަރު މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރުގެ ނައިބު މަހާތިރު މުހައްމަދާއި ބައްދަލުކުރައްވަނީ

ދެޤައުމުގެ ގުޅުމާއި އެއްބާރުލުމުގެ ތާރީޚަށް ބަލާއިރު، 1983 ގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އުފެއްދުމުގައި ރާއްޖޭގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. އަދި މެލޭޝިޔާއާއި ރާއްޖެއާ ދެމެދުގައި ވަނީ އެއްބާރުލުމާއި އެހީތެރިވުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އޭތެރޭގައި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން އެއްބަސްވުމެއް ހިމެނެއެވެ. މެލޭޝިޔާގެ އެއަރލައިނަކުން ރާއްޖެއަށް މިހާރުވެސް ދަތުރުކުރެއެވެ. މިއީ، 1994 ވަނަ އަހަރުގެ ތެރޭގައި އެއަރ ސަރވިސަސް އެގްރިމެންޓެއް ކުރެވިގެން ކުރެވޭ ދަތުރުތަކެކެވެ. މި އެގްރިމަންޓްގެ ދަށުން އެއަރ އޭޝިއާ އިން ރާއްޖެއަށް ދަތުރުތައްކުރަމުން ގެންދެއެވެ.

img:http://s4.psmnews.mv/images/660x400/14591843736496.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުއަލަލަންޕޫރް އެއަރޕޯޓްގައި / ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި މެލޭޝިއާ ދެޤައުމުގެ ދުވަސްވީ ގުޅުމުގައި ދެ ޤައުމު ސަރުކާރުން ދެ ޤައުމު ދެމެދުގައި ހުރި މައްސަލަތަކާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި މައްސަލަތަކައި ކަންބޮޑުވުންތަކާ ގުޅޭގޮތުން ދަނީ އެއްބާރުލުންދެމުންނެވެ. ދެޤައުމުގެ ގުޅުމުގެ ތާރީޚުގައި ރާއްޖޭގެ ރައީސުންނާއި މެލޭޝިއާގެ ބޮޑުވަޒީރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޚާއްޞަކޮށް، އިސްލާމީ މަރުކަޒު ބިނާކުރެވުނު ދުވަސްވަރު އެ މަސައްކަތް ބައްލަވާލެއްވުމަށް މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ޒިޔާރަތާއި 1984 ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ބޮޑުވަޒީރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކުރީގެ ރައީސުން ވަނީ މެލޭޝިޔާއަށް އެތައް ފަހަރަކު ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މެލޭޝިޔާއާއި ރާއްޖޭގެ ބަދަހި ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް މެލޭޝިޔާގައި 2006 ގައި ޤާއިމްކުރައްވައި، އެޤައުމުގައި ދިވެހިރާއްޖޭގައި ހައިކޮމިޝަނަރަކު ހުންނަވާކަމީވެސް ފާހަގަކޮށްލެވޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިހާރު މެލޭޝިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުންވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.