ޚަބަރު

ބަލި ޙާލަތު ހުރިގޮތުން ބަޖެޓް ހުށަހަޅަން މާދަމާގެ ޖަލްސާއަށް ދެވެންނެތްކަމަށް މިނިސްޓަރ އަމީރު އަންގަވައިފި


  • ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން އެޖެންޑާކުރީ މާދަމާ 9 ގެ ޖަލްސާއަށް

  • ވަޑައިގެންނެވެންނެތްކަން އެންގެވީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅެއްގައި

  • އަންނަ އަހަރަށް ދައުލަތުން ލަފާކުރަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން މާދަމާ އަށް ތާވަލުކޮށްފައިވާ ޖަލްސާއަށް ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް އަންގަވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މާދަމާ ހެނދުނުު 9:00 ގައި އޮންނަ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރ ފޮނުއްވި ސިޓީފުޅެއްގައި ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެންނެތްކަމަށް ވަނީ އަންގަވާފައެވެ.

މި ދެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިދިޔަ މަހުގެ 31 ގައިވެސް ވަނީ ޖަލްސާއެއް އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ ޤާރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެކަމަށް އެމްޑީޕީއިން ބުނެ، ޖަލްސާއަށް ހުރަސްއެޅުމުން، ބަންޑާރަ ނައިބުގެ ލަފާފުޅާއެކު ފިނޭންސް މިނިސްޓަރ އެ ދުވަހުގެ ޖަލްސާއަށް ވަޑައިގެންފައެއްނުވެއެވެ.

މާލިއްޔަތު ޤާނޫނޫނާއި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު، ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ. އަދި ބަޖެޓު ހުށައަޅަންވާނީވެސް ފިނޭންސް މިނިސްޓަރުކަމަށެވެ. މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވައި މެންބަރުން ބޮޑު ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.