ޚަބަރު

ބޮޑެތި ބަލި ހުންނަ މީހުންނަށް ހާއްސަ ޙައްޖުގެ ޖާގަތަކަކަށް ހުޅުވާލައިފި


  • ފުރާނައަށް ނުރައްކާވާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހުޅުވާލެވޭ ޖާގައެއް

  • ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، ޖާގަ ޚާއްސަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

މިޖާގަ ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް "ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް" ފުރުމަށްފަހު އެފޯމާއެކު ހުށައަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަކާއި ހައްޖު ކޯޕަރޭޝަންގެ އިޢުލާނާއި އެކު ޝާއިއު ކޮށްފައިވާ "ހެލްތް ސަރޓިފިކޭޝަން ފޯމް" ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ފޯމުތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ 24 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ކަމަށް އެ ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.