ރާއްޖޭގައި ބަންނަ އުޅަނދުފަހަރުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިންމު ބަދަލުތަކަކަށް އަމަލު ކުރަން ފެށުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމަވައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވީ 18 މީޓަރަށްވުރެ ދިގު އުޅަނދު ފަހަރު އަންނަ މެއިމަހުގެ 12ވަނަ ދުވަހުގެ ފަހުން ބަންނަން ފަށަންވާނީ މިނިސްޓްރީން ހުއްދަ ދީފައިވާ ނޭވަލް އާކިޓެކްޓަކު ލައްވައި އުޅަނދު ފަރުމާކޮށް، މިނިސްޓްރީއަށް ކުރެހުންތަކާއި އިތުރު ތަފްސީލު ހުށަހަޅައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ މާވަޑިން ތަމްރީނު ކުރުމުގެ ކޯހުގެ ސިލަބަހާއި ބޯޓު ބިލްޑިންގ އަދި ބޯޓު ރިޕެއަރ އިންސްޕެކްޓަރސް ކޯހުގެ ސިލަބަސް އަދި ނޭވަލް އާކިޓެކް ރިފްރެޝަރ ކޯހުގެ ސިލަބަސް މިނިސްޓްރީގެ ވެބްސައިޓްގައިވަނީ ޝާއިއުކޮށްފައެވެ. މިކޯސްތައް ހިންގުމަށް ބޭނުންވާ އިންސްޓިޓުތަކުން މިކޯހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ޓްރާންސްޕޯޓު މިނިސްޓްރީން އަންނަ ފެބްރުއަރީމަހުގެ 12ގެ ފަހުން މާވަޑިން ރަޖިސްޓަރީ ކޮށްދެވޭނީ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
އަދި މިހާރު މާވަޑިންގެގޮތުގައި ދަފުތަރުގައި ތިބި ތަމްރީނެއް ފުރިހަމަނުކުރާ މާވަޑިން އަންނަ އަހަރުގެ ނޮވެމްބަރު 12ގެ ކުރިން މާވަޑިކަމުގެ ކޯސް ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންވަނީ އަންގަވާފައެވެ.
އަދި މިތާރީޚުގެ ފަހުން އެއްވެސް އުޅަނދެއް ރާއްޖޭގައި ބަންނަން ވާނީ މިނިސްޓްރީގައި ރަޖިސްޓަރީވެ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މާވަޑިއެއްގެ ބެލުމުގެ ދަށުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ރާއްޖޭގައި އުޅަނދުފަހަރު ބަނުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުވެސްވަނީ މަސް ދޯންޏެއް ބިންދައިގެން ދިޔުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އަދި މިފަދަ ހާސިދާތައް ހިނގާ މިންވަރު އިތުރުވަމުންދާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ އުޅަނދުފަހަރު ބަނުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނެތުމުން ކުރިމަތިވާ ހާދިސާތައް ކަމަށެވެ.