ޚަބަރު

ފަލަސްތީނަށް އެހީވުމަށް އެމްޑަބްލިޔުއެސްސީއިން 500000 ރުފިޔާ ހަދިޔާކޮށްފި


  • މި ފައިސާގެ އެހީ ހަދިޔާ ކޮށްފައިވަނީ ދިވެހި ރެޑް ކްރެެސެންޓުގެ ފަންޑަށް

  • ފަންޑު ބަންދުކުރިނަމަވެސް ބައެއް ކުންފުނިތަކަށް އެ ފުރުޞަތުދިން

  • ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 11،300 އަށްވުރެ ގިނަ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީއިން 5 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެމް.ޑަބްލިޔު.އެސް.ސީއިން މި ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވިއަން ރެޑް ކްރެެސެންޓުން ހުޅުވާފައިވާ ފަންޑަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓުން ފަންޑު ހުޅުވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. މިފަންޑު އެޖަމްޢިއްޔާއިން ބަންދު ކުރި ނަމަވެސް ބައެއް އިދާރާތަކާއި ކުންފުނިތަކުން އެ ފަންޑަށް ފައިސާ ޖަމާ ކުރަން ނިންމަން ޖެހޭ ބައެއް ކަންކަން ހުރުމުން އެ ފުރުޞަތު އެތަންތަނަށް އެ ޖަމްޢިއްޔާއިން ވަނީ ދީފައެވެ.


އެމް.ޑަބްލިޔު.އެސް.ސީގެ ހެޑް އޮފީހުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި ފައިސާގެ އެހީގެ ރަމްޒީ ޗެކު ޙަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހެއެވެ. މިއެހީއަކީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ދިވެހިން އެއްބައިވަންތަކަމާ އެކު ތިބިކަން އަންގައިދޭ ރަމްޒެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުގެ ހައްދުފަހަނަ އެޅި ޔަހޫދީން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,300 އަށްވުރ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 4,600 އަށްވުރެ ގިނަ ކުޑަކުދިންނާއި 3,100 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމް ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,000 އަށް އުފުލިފައެވެ.

އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޣައްޒާގެ ޞިއްޙީ އިދާރާތައް ވަނީ ނުކުޅެދިފައެވެ.