މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގެ 3 ގޮނޑިއެއް ހުސްވެފައެވެ. އެއީ މާލެ ސިޓީ މޭޔަރުކަމުގެ ގޮނޑިއާއި އިތުރު 2 މެންބަރެއްގެ ގޮނޑިއެވެ. މާލެ ސިޓީ މޭޔަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ މަޤާމް އަދާކުރައްވަމުން ގެންދެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމުންނެވެ. އެ މަނިކުފާނު އެ މަޤާމުން އިސްތިޢުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެން ހުވާކުރެއްވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ޢަބްދުﷲ ނާޞިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު އާދަމް ރަމީޒްވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކައުންސިލަރުންވެސް މެންބަރުކަމުން ވަކިވުން އެކަށީގެންވެއެވެ. ސިޓީ ކައުންސިލްގައި މޭޔަރާއެކު 19 މެންބަރުން ތިއްބަވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލްކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން އެކޮމިޝަނަށް އެންގެވުން ކަމަށެވެ. އަދި އިންތިޚާބު ކުރިއަށް ގެންދިޔުމަށް މާދަމާ އެލް.ޖީ.އޭއިން ވަކި ގޮތެއް އަންގާނެކަމަށް އުއްމީދުކުރައްވާކަމަށް ހަބީބު ވިދާޅުވިއެވެ. ކައުންސިލް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.
ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް މިހާރުވެސް ބައެއް ބޭފުޅުން ވަނީ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުވެސް ވާދަކުރައްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.