ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސަނީ


  • ދެ ވުޒާރާގެ ވަޒީރުން މި ބައްދަލުވުމުގައި ބައިވެރިވި

  • އަވަހަށް ފައިސާ ހަމަޖެއްސުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

  • މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 30 މިލިއަން ވަނީ ދޫކޮށްފައި

މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާ ދެއްކޭނެގޮތެއް ހަމަޖެއްސުމާއި ގުޅޭގޮތުން މާލީ ވަޒީރާއި މަސްވެރިކަމާއި ބެހޭ ވަޒީރު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ އިތުރުން ދެ ވުޒާރާގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުން ކުރިމަގުގައި ދެ ވުޒާރާ ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކާފައިވެއެވެ.

މަސްވެރިންނަށް ފައިސާ ހޯދައިދިނުމަށްޓަކައި މަސްވެރިކަމާއި ބެހޭ ވަޒީރު، ވާލީ ވުޒާރާގެ ބޭފުޅުންނާއި ބައްދަލުކޮށްފައިމިވަނީ މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި އޮތުމުންނެވެ. އެގޮތުން ފާއިތުވީ 2 މަސް ދުވަހު މަސްވެރިންނަށް ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރި ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ މައިގަނޑު އެއް ސަބަބަކީ މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުން ކަމަށެވެ. އަދި އެއަގުގައި މަސް ގަންނަމުން ދިޔުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ޝިޔާމު ވިދާޅުވެފައިވަނީ މަސްވެރިންނަށް 200 މިލިއަނެއްހާ ރުފިޔާ ނުދެވި އެބަހުރި ކަމަށެވެ. އަދި މީގެތެރެއިން 30 މިލިއަން ރުފިޔާ މިދިޔަ ހަފްތާތެރޭގައި ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވަނީ ދައުލަތަށް ބުރަ ނުވާނެ އަގެއްގައި މަހުގެ އަގު ހުރުން ކަމަށެވެ. އަދި މަސް ގަންނަ އަގު ބޮޑުކޮށްގެން ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ މަސްވެރިންނަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.