ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ވީހާވެސް ގިނަ ވަގުތު ދިނުމަށް ރޯދަމަހަށްފަހު އެ އިންތިޚާބު ބޭއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގައި އަނެއްކާވެސް އެދިއްޖެއެވެ.
ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އެިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަމަހުގެ ފަހު 10އެއްގައެވެ. ނަމަވެސް ރޯދަމަހުގެ ފަހު 10ގައި އިންތިޚާބު ބާއްވާނަމަ އުނދަގޫތަކެއް ކުރިމަތިވާނެތީވެ އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދިވަޑައިގަތީ ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ. އެހެންނަމަވެސް ކޮމިޓީން ކުރިންވެސް ބުނެފައިވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަ މަހަށް ފަހު ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ދެއްވާ ޔަޤީންކަމަކީ ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެކަންކަމަށެވެ. ނަމަވެސް ރޯދަ މަހާ އިންތިޚާބު ދިމާވާތީ އެކޮމިޝަނުން މަސައްކަތްކުރެއްވީ ރޯދައިގެ ކުރިން އިންތިޚާބު ބޭއްވުމަށް ޤާނޫނީ ހައްލަކަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުޢާދު ތަޢުފީޤް ވިދާޅުވީ މަޖިލިސް އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ރޯދަމަހު ކުރަން ޖެހުމުގެ ސަބަބުން ދަތިވާނެކަމަށެވެ. އަދި މި ސަރުކާރުން ރޯދަމަހުގެ ފަހު 1 އެއް ބަންދުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ފުޢާދު ވިދާޅުވީ ބަންދު ގިނަ ދުވަސްތައް އައުމުގެ ސަބަބުން، ފިނޭންސް މިނިސްޓްރިއާއި އެޑިއުކޭޝަން މިނިސްޓްރީފަދަ ކަމާ ގުޅުންހުރި އިދާރާތައް ބަންދުވާނެކަމަށާއި، އެކަމުގެ ސަބަބުންވެސް އިންތިޚާބު ބޭއްވުމަށް އިތުރަށް ދަތިވާނެކަމަށެވެ. އަދި ރޯދައިގެ ފަހުން އިންތިޚާބު ބާއްވާކަމުގައި ވަނީނަމަ ރޯދަ މަހު ކެމްޕެއިނު ކުރުމަށް ވެސް ކެނޑިޑޭޓުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުގެރައީސް ވަނީ، މީގެ ކުރިން ވެސް ރޯދަ މަހު ބޭއްވި ބައި-އިލެކްޝަންގެ ތަޖުރިބާ ރަނގަޅު ނޫން ކަަން ކޮމިޓީއާއި ހިއްސާކުރައްވާފައެވެ. އެކަމުގެ ކަންބޮޑުވުންތައް ޕާޓީތަކުންނާއި ކެންޑިޑޭޓުން ފާޅުކުރިކަމަށް ފުއާދު ވިދާޅުވިއެވެ.
"ރޯދަމަހު ފަހު ދިހައެއް ބަންދުވެ، އެއާ ވިދިގެން ޢިީދުގެ ބަންދުތަކެއް އަންނާނެ. އެހެންވީމާ އިދާރީ ގޮތުންނާއި އެހެން ގޮތްގޮތުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާނެ. ފިނޭންސް މިނިސްޓްރީއާއި ،އެޑިއުކޭޝަން މިނިސްޓްރީ، އަދިވެސް މިކަމާ ގުޅިގެން ގުޅަން ޖެހޭ އިދާރާތާއް ބަންދުކޮށްފައި ހުންނަ ދުވަސްތަކެއްގައި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ދަތިވާނެ. މިދިޔަ އަހަރު ބޭއްވި ބައި އިލެކްޝަންގައިވެސް ވަރަށް ގިނަ ޝަކުވާތައް އައި ރޯދައިގެ ފަހުކޮޅު ބޭއްވުމުން. ކެމްޕެއިން ކުރަންވެސް ދާން ޖެހެނީ ރޯދަމަހު. ރޯދަމަހު ދުވާލު ރައްޔިތުން ތިބެނީ އަޑުއަހާ މޫޑެއްގައި ނޫން. ރޭގަނޑު ވަގުތު ހޭދަކުރަން ބޭނުންވަނީ އަޅުކަމުގައި." އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތަޢުފީޤް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/k2BIRx5wT3
— People's Majlis (@mvpeoplesmajlis) November 29, 2023
ނަމަވެސް އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ އެ ކޮމިޓީގެ ގިނަ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުން ދައްކާ ގިނަ ކަންކަމަކީ ބަލައިގަންނަން ދަތި ވާހަކަތަކެއް ފާހަގަކުރައްވާފައެވެ. އަދި މިހާރު އޮތް ގޮތަށް އިންތިހާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލިސް އިންތިޚާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ވަރަށް ކުޑަވާނެ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ރޯދައިގެ ކުރިން އިންތިޚާބަށް ތައްޔާރުވުމަށް އީސީން ކުރަން ޖެހޭ ކަންކަން ކުރެވޭނެ ކަމަށެވެ. އެގޮތުން ޓްރެއިނިން ދޭންޖެހޭ ފަރާތްތައް ޓްރެއިން ދީ ނިންމާ ރޯދަ މަސްތެރޭ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުން ފަދަ ކަންކަން ކުރެވިދާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ކޮންމެ ޕާޓީއަކުން ވެސް ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓުން ކަނޑައަޅައިގެން މި ކުރިމަތިލަނީ. އެހެންވީމަ އިންތިޚާބު އަވަސްކުރާނަމަ ކެންޑިޑޭޭޓުންނަށް ކެމްޕޭނު ކުރަން ލިބޭ ވަގުތު ކަނޑާނުލާ އިތުރު މުއްދަތެއް ލިބޭ ގޮތަށް ހަދާ ދެއްވުން ވަރަށް ބޮޑަށް އެދެން. ދެން އަނެއް ކަމަކީ ސްކޫލް ދަރިވަރުންގެ މޮކް އެގްޒާމް ބަދަލުކޮށް އަވަސްކުރުން، އިންތިޚާބު އަވަސްކުރަން މޮކް އެގްޒާމް އަވަސްކުރާނަމަ އެއީ އެތައް ދަރިވަރުންނަކަށް އުނދަގުލެއް." ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.
ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭއި މަހުގެ 28 އަށް ހަމަވާނެއެވެ. އަދި ޤާނޫނު ބަޔާންކުރާގޮތުން 120 ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ އެއްމަސް ކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.