ޚަބަރު

ކައްދޫ އެއަރޕޯޓަށް 221 މިލިއަން ރުފިޔާގެ ގެއްލުން: އޮޑިޓް


  • އެއަރޕޯޓަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބިވޭ

  • ކޯވިޑްގައި ގެއްލުން އިތުރަށް ބޮޑުވި

  • މާލީ ޙާލަތުން އަރައިގަތުމަށް ހަރުމުދަލަށް ކުރާ ހޭދަ ކުޑަ ކުރަންޖެހޭކަމަށް

ލ. ކައްދޫ އަސްކަރީ އެއަރޕޯޓު ހިންގާ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑު އުފެދުނީއްސުރެ މިހާތަނަށް 221 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓު ކަމުގައިވާ ކައްދޫ އެއާޕޯޓު އޮންނަނީ ސައްތައިންސައްތަ ސަރުކާރުން ހިއްސާވާ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުގެ ދަށުގައެވެ. އެ އަރޕޯޓު ހިންގުމަށް ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2011 ވަނަ އަހަރުއެވެ. އެއަށްފަހު 2014 ވަނަ އަހަރު އެއަރޕޯޓު ހިންގުމުން ޤައުމީ ދިފާޢީ ބާރާ ވަނީ ހަވާލުކޮށްފައެވެ. އަދި އެ އެއަރޕޯޓު އޭގެ ފަހުން ހިންގަމުން އަންނަނީ އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި "ކައްދޫ އަސްކަރީ ބޭސް"ގެ ނަމުގައެވެ. ނަމަވެސް އެއ އަރޕޯޓަށް ޢާންމު އުދުހުންތައްވެސް ބާއްވައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ކައްދޫ އެއަރޕޯޓު ކޮންޕެނީ ލިމިޓެޑް ފައިނޭންޝިއަލް އިއަރ ރިޕޯޓުގައި ހާމަކުރައްވާފައިވަނީ ކައްދޫ އެއަރޕޯޓަށް ޢާމްދަނީ ހޮދަނީ މައިގަނޑު ތިން ގޮތަކުންކަމަށެވެ. އެއީ އެއޮރޯނިޓަކަލް އޮޕަރޭޝަންތަކާއި، ކޮމާޝަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރުމުދާ ކުއްޔަށް ދީގެންނެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކުރަނީ ކައްދޫ އެއަރޕޯޓަށް ލިބެންވާ އާމްދަނީއަށްވުރެ ބޮޑު އަދަދެއް އެއަރޕޯޓުގެ ހަރުމުދަލުގެ ޚަރަދުތަކަށް ގޮސްފައިވާކަމަށެވެ. ކައްދޫ އެއަރޕޯޓުގެ ކުންފުންޏަށް 2020 ވަނަ އަހަރު އާމްދަނީ ގޮތުގައި ލިބިފައިވަނީ އެންމެ 6.6 މިލިއަން ރުފިޔާއެވެ.

ކައްދޫ އެއަރޕޯޓުގެ އާމްދަނީއަށް ގެއްލުން ލިބުމުގެ ފަހަތުގައި ހުރި ސަބަބުތަކަށް ބަލާއިރު އެއަރޕޯޓު ހިންގުމުގެ ޚަރަދަށް 2019 ވަނަ އަހަރު 27.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވުމާއި، 2020 ވަނަ އަހަރު 25.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ އިތުރުން އެއާޕޯޓުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް އާމްދަނީގެ 84 އިންސައްތަ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ސަބަބުތައް މިހެން ހުރުމާއެކު އެއަރޕޯޓަށް ލިބިފައިވާ އާމްދަނީއަށްވުރެ ކޮށްފައިވާ ޚަރަދުތައް އިތުރުކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައެވެ.

އާމްދަނީ އަށް ގެއްލުން ލިބުނު އެހެން ސަބަބެއްގެ ގޮތުން ފާހަގަކުރެވެނީ 2020 ވަނަ އަހަރުގެ ތެރޭގައި ދުނިޔެއަށް ފެތުރެން ފެށި ކޯވިޑް-19 އެވެ. ކޯވިޑްގެ ޢާލަމީ ބަލިމަޑުކަމާއެކު ރާއްޖޭގެ އެކި ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ އަސަރުތައް ކޮށްފައިވެއެވެ. އެގޮތުން ކައްދޫ އެއަރޕޯޓަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާކަން 2020 ވަނަ އަހަރު އެކުންފުނީގެ އާމްދަނީއަށް ލިބުނު ގެއްލުމުން އެނގިގެން ދާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ކައްދޫ އެއަރޕޯޓަށް އެހެން ކުންފުނިތަކުން ލިބެންވާ ފައިސާ ނުލިބި ހުރިކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ އެކުންފުންޏަށް ދައްކަންޖެހެނީ އައިލެންޑް އޭވިއޭޝަނުންނެވެ. އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ކައްދޫ އެއަރޕޯޓު ކުންފުންޏަށް މިހާތަނަށް 36.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ކައްދޫ އެއަރޕޯޓު ކުންފުނި މިހާރު އޮތް ޙާލަތުން އަރައިގަނެވޭނީ ހަރުމުދަލަށް ކުރާ ހޭދަ ކުޑަކޮށްގެން ކަމަށެވެ. އެހެންކަމުން އެ ކުންފުނިން މިހާރު ހޭދަކުރަމުންދާ މިންވަރު ކުޑަކޮށް މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އެފަދައިން އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދެއްވާފައެވެ.