ޚަބަރު

އެންމެ މީހަކަށްވެސް ކުންފުނި އުފެއްދޭ ގޮތަށް ކުންފުންޏާ ބެހޭ ބިލް ފާސްކޮށްފި


  • ކުރިން އޮންނަ ގޮތުން ކުންފުނި ހެދޭނީ އެކަކަށް ވުރެ ގިނަ މީހުން ގުޅިގެން

  • ކުރިން ޖެހެނީ ސޯލް ޕްރޮޕްރައިޓާއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން

  • ގެނައި ބަދަލާއި އެކު 100 އަށްވުރެ ގިނަނުވާނެހެން މެމްބަރުން ކަނޑައެޅިދާނެ

އެންމެ މީހަކަށް ވެސް ކުންފުނި އުފައްދާ ހިންގޭ ގޮތަށް ކުންފުންޏާއި ބެހޭ ބިިލެއް މަޖިލީހުން ފާސްކޮށްފިއެވެ.

ކުރިން މިޤާނޫނުގައި އޮންނަ ގޮތުން ކުންފުންޏެއް ރަޖިސްޓްރީ ކުރެވޭނީ އެކަކަށް ވުރެ ގިނަ މީހުން ގުޅިގެންނެވެ. އެކެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ސޯލް ޕްރޮޕްރައިޓާއެއްގެ ގޮތުގައެވެ.

މިހާރު ގެންނަން ފާސްކޮށްފައިވާ ބަދަލާއެކު ކުންފުނީގެ މެމްބަރުންގެ ގޮތުގައި މަދުވެގެން 1 އަދި 100 އަށްވުރެ ގިނަނުވާނެހެން މެމްބަރުން ކަނޑައެޅިދާނެއެވެ. އަދި ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 1 ޑިރެކްޓަރަކު ހުންނަން ޖެހެއެވެ. ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހެނީ 2 ޑިރެކްޓަރުންނެވެ. އަދި ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންޖެހެއެވެ.

ކުންފުނި ރަޖިސްޓްރީ ކުރުމުގެ ފީތަކަށްވެސް މިހާރު ވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން ކުންފުނި ރަޖިސްޓްރީ ކުރާއިރު ދައްކަން ޖެހެނީ 2000 ރުފިޔާއެވެ. އަދި އަހަރީ ފީ ދައްކަން ދެން ނުޖެހޭނެއެވެ. އަދި ކުންފުނި ރަޖިސްޓްރީ ކުރާއިރު ގެންނަ ވަކިވަކި ބައެއް ބަދަލުތަކަށް ފީތަކެއް ދައްކަން ޖެހޭނެއެވެ.

އިތުރަށް ދައްކަން ޖެހޭ ބައެއް ފީތަކަށް ބަލާއިރު ހިންގާ ގަވާއިދު ބަދަލު ކުރުމަށާއި ރަޖިސްޓްރީ އެޑްރެސް ބަދަލު ކުރަން އަދި ކުންފުނީގެ ރައުސުލްމާލު ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސިއްކަ ރަޖިސްޓްރީ ކުރުމުގެ ފީ ކޮންމެ ކެޓަގަރީއަކަށް 100 ރުފިޔާ ދައްކަން ޖެހެއެވެ.

މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނަކީ މީގެ 26 އަހަރު ކުރިން 1997 އިން ފެށިގެން އަމަލުކުރަމުންދާ ގާނޫނެކެވެ. ކުންފުންޏާއި ބެހޭ ޤާނޫނު އިސްލާހުކޮށް އައު ޤާނޫނެއް ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

މަޖިލީހުން ބިލް ފާސްކޮށްފައިވީ ނަމަވެސް މިބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގުކުރެއްވުމުންނެވެ. ބިލް ތަސްދީގު ކުރުމާއެކު މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނު އުވިގެންދާނެއެވެ. އައު ގާނޫނާ އެއްގޮތަށް ކުންފުނިތަކުގެ ކަންކަން ފުރިހަމަ ކުރުމަށް ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ފާސްކުރި ބިލްގައި ހިމަނާފައިވެއެވެ.