ވިޔަފާރި

އެމްއައިބީ ތިނަދޫ ބްރާންޗް ރަސްމީކޮށް ހުޅުވައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ތިނަދޫ ބްރާންޗް ރަސްމީކޮށް ހުޅުވައިފިއެވެ. 

ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ތިނަދޫ ބްރާންޗަކީ އަތޮޅުތެރޭގައި ހުޅުވި އެ ބޭންކްގެ 2 ވަނަ ބްރާންޗެވެ. ތިނަދޫ އެމްއައިބީ ބްރާންޗް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒަކަށް ވާއިރު، އެފަދަ ބަދަލެއް އަންނައިރު ބޭންކްތައް ފަދަ ފައިނޭންޝަލް އިންސްޓިޓިއުޓްތައް ރަށަށް އައުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ހައުސިންގ ފައިނޭންސް ސްކީމްގެ ބޭނުން ތިނަދޫގެ ރައްޔިތުން ހެއޮގޮތުގައި ބޭނުން ކުރުމަށް މިނިސްޓަރ ޖިހާދު އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ތިނަދޫގެ ގެދޮރުގެ ހާލަތު ރަނގަޅުކުރުމަށް އިސްލާމިކް ބޭންކުގެ އެހީ ހޯދުމުގައި ފިނޭންސް މިނިސްޓްރީން އެހީތެރިކަން ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ ތިނަދޫގައި ހުޅުވިގެންދިޔަ ބްރާންޗުން އެބޭންކުގެ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފަސް އަހަރުގެ ދުވަހުގެ ތާރީޚުގައި އެބޭންކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ހާރިސް ވިދާޅުވިއެވެ. އެގޮތުން މިއަހަރުތެރޭގައި އެކުންފުނީގެ ބްރާންޗްތަކުގެ އަދަދު 5 އަށް އިތުރު ކުރާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

އެމްއައިބީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް ހުޅުވިގެންދާނީ ހުޅުމާލޭ ބްރާންޗާއި ހދ. ކުޅުދުއްފުށީ ބްރާންޗް ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.