ޚަބަރު

ގިނަ ޢަދަދެއްގެ މުދަލާއެކު ދަނބިދޫ "ބަސްމަލާ" ބޯޓު އުރިއްޖެ


  • ބޯޓު ފަރަށް އުރުނީ މިއަދު 6:15 ކަންހާއިރު

  • ލޮނުގައި ނުޖެހި ހުރި ހުރިހާ މުދަލެއް މިހާރު ވަނީ ސަލާމަތް ކުރެވިފައި

  • 2017 ވަނަ އަހަރުވެސް މި ބޯޓު ވަނީ ދަނބިދޫ ނެރު ފައިކަށްޓަށް އަރާފައި

ލ. ދަނބިދޫގެ މުދާ އުފުލާ ބޯޓެއްކަމަށްވާ ބަސްމަލާ، ދަނބިދޫގެ ނެރު ފައިކައްޓަށް އުރިއްޖެއެވެ.

ދަނބިދޫ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، މި ބޯޓު ނެރު ފައިކަށްޓަށް އުރިފައިވަނީ މިއަދު ހެނދުނު 6:15 ކަންހާއިރު ކަމަށެވެ. އަދި ނެރަށް އުރުނުއިރު، ބޯޓުގައި ވަރަށް ގިނަ މުދާ ހުރިކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ދަނބިދޫ ކައުންސިލުން ވިދާޅުވީ ބޯޓު ކައިރީ ކޯސްޓުގާޑު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ބޯޓު ފަރަށް އުރުމާއިއެކު، ބޯޓުގައި ހުރި މުދާތައް ރަށަށް އެރުވުމުގެ މަސައްކަތް ރަށު ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ. އަދި ފެނުގައި ނުޖެހި ހުރި، ހުރިހާ މުދަލެއް ސަލާމަތްކޮށް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ދަނބިދޫ ބަސްމާލާ ބޯޓަކީ މ އަދި ތ އަތޮޅަށްވެސް މާލެއިން މުދާ އުފުލުމަށް ދަތުރުކުރާ ބޯޓެކެވެ. އަދި ލ އަތޮޅުން ފޮނަދޫ އާއި އިސްދޫއާއި ދެމެދުގައި ހުރި، ހުރިހާ ރަށަކަށްވެސް މި ބޯޓު ދަތުރުކުރާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ދަނބިދޫފަރަށް އެބޯޓު އުރިފައިމިވަނީ ތ އަދި މ އަތޮޅަށް މުދާ ހުސްކުރުމަށްފަހު، އަންނަނިކޮށްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މީގެ ކުރިންވެސް މި ބޯޓު ވަނީ ދަނބިދޫ ނެރުފައިކަށްޓަށް އުރިފައެވެ. އެއީ 2017 ވަނަ އަހަރުއެވެ.