އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީވެސް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 306މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުކޮށްފައެވެ.
އެގޮތުން މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލު ކަމަށްވާ "ފުށިދިއްގަރުފަޅު" މަޝްރޫޢަށް ހިމަނާފައިވާ ބަޖެޓްވަނީ އުނިކޮށްފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނުއްވިއެވެ. ކޮމިޓީ މަރުހަލާގައިވަނީ މިބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާފައެވެ.
ބަޖެޓުގެ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ ފުށިދިއްގަރުފަޅު މަޝްރޫޢު ބަޖެޓުން އުނިކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު ދެރައެއްކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.
ބަޖެޓުން ފުށިދިއްގަރުފަޅު އުނިކުރުމަށް ތާއީދުކޮށް ވާހަަކަދެއްކިވި މެމްބަރުންވަނީ މިއީ ރަނގަޅު ނިންމުމެއްގެގޮތުގައި ފާހަގަކޮށް، މިހާރުވެސް ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އެ މަޝްރޫޢުތައް ނިންމުމަށް ބަޖެޓުގައި އިސްކަންދޭން ޖެހޭކަމަށް އެމެމްބަރުންވަނީ ވިދާޅުވެފައެވެ.
މަޖިލީހުން ފާސްކުރެއްވި އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓްވަނީ 13.7 ބިލިއަން ރުފިޔާއިން 14.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 އިންސައްތައިން، 114.6 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވެއެވެ. އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެތެރޭގައި ހިލޭ އެހީގެގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.